އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، އަހްމަދު މަހުލޫފު އާއި އަހްމަދު މުބީންގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ހުށަހަޅައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަހްމަދު މަހްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަހްގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި މިއަދު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު މަހުލޫފް އަށް ލިބިފައިވާކަން ތަހްގީގުން އެނގޭ ކަމަށް ކޮމިޝަނުން ބުނެއެވެ.

އަދި އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަހްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެން އޮތްއިރު، އެ ވޯޓަށްފަހު އަހުމަދު އަދީބު ޢަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި މަހުލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހުމަދު އަދީބު، އަހުމަދު މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތެއްތިރީސްހާސް އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް އޭސީސީއަށް މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތްކަންފާހަގަކޮށް އެ ކޮމިޝަނުން ބުނެފައިވަނީ މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަހުމަދު މަހުލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އަހުމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށެވެ.