ކޮވިޑުން ރަނގަޅުވެ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ދަގަނޑޭ އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އަށް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިމަހުގެ 11 ވަނަ ދުވަހު ޗައިނާ އާއި ދެކޮޅަށް ކުޅެވޭގޮތް ވެއްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވުމުން މި މަހުގެ 4 ވަނަ ދުވަހު ކޮލިފިކޭޝަނުގައި ސީރިއާ އާއި ދެކޮޅަށްކުޅެ 0-4 އިން ދިވެހި ޓީމު ބަލިވި މެޗުގައި މި ދެ ކުޅުންތެރިންނަށް ކުޅެވިފައިނުވާއިރު 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށްފަހު މިހާރު މި ދެ ކުޅުންތެރިން ވަނީ ގައުމީ ޓީމާއި ގުޅިފައެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ދުބާއީގައި ކުޅޭއިރު، ދަގަނޑޭ އާއި ތޮއްޕޭ ވައިރަހަށް ޕޮޒިޓިވްވީ ގައުމީ ޓީމުން ދުބާއީގައި ހަދަމުން އައި ތަމްރީނުތަކުގެ ތެރެއިން މިދިޔަ މެއި މަހު ހެދި ޓެސްޓުތަކުންނެވެ. އެއާއެކު އެ ދެ ކުޅުންތެރިން ވަނީ 10 ދުވަހަށް ކަރަންޓީނުވެފައެވެ.

އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހު ހެދި ޓެސްޓުން ދަގަނޑޭ ވަނީ ވައިރަހަށް ނެގެޓިވްވި ނަމަވެސް އޭނާއަށް ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދާ ހަމައަށް ލިބިފައެއް ނުވެއެވެ. އެ ދެ ކުޅުންތެރިންނަށް ޓީމާ ގުޅެން ފުރުސަތު ދިނީ ޕީސީއާރް ޓެސްޓުތަކެއް ހެދުމަށްފަހު ނެގެޓިވްވެ، އަދި އޭގެ އިތުރުން އޭއެފްސީން އެންގި ގިނަ މެޑިކަލް ޓެސްޓްތަކެއްވެސް ހެދުމަށްފަހުއެވެ.

ސީރިއާ އާއި ދެކޮޅަށްކުޅެ ރާއްޖެ ބަލިވި މެޗުގައި ރާއްޖޭގެ ޓީމަށް މުޅި މެޗުގައިވެސް އުފެއްދިފައިވަނީ އެންމެ ދެ ހަމަލާއެކެވެ. މި މެޗުގައި ރާއްޖޭގެ އެޓޭކްތައް މަދުވިއިރު ޗައިނާ އާއި ފިލިޕީންސް އާއި ދެކޮޅަށް ރާއްޖެ ނުކުންނަ މެޗުތަކަށް ދަގަނޑޭ ތައްޔާރުވުމީ ގައުމީ ކޯޗް މާޓިން ކޫޕްމަން އާއި މުޅި ޓީމަށްވެސް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ސީރިއާއެވެ. ހަ މެޗުން 13 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ހަ މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.