ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢާތުން އިޒުރޭލަށް އިންޒާރުދިންތާ އެއްދުވަސްފަހުން އިޒުރޭލުން ޖެހިލުންވާ ޙަމާސް ޖަމާޢަތުގެ ވެރިއާ ޙަސަން ނަޞްރުﷲވެސް އިޒުރޭލަށް އިންޒާރެއް ދެއްވައިފިއެވެ.

ޢާންމުކޮށް ބަސްފުޅު ވިދާޅުވުން ޙަސަން ނަޞްރުﷲ ވިދާޅުވީ އަލްޤުދުސަށް އިޒުރޭލުން ދޭ ޙަމަލާތަކަށް ރައްދު ދިނުމުގެ އާ ކަސްރު ހިސާބެއް ޙަމާސްއިން ހަދަމުންގެންދާ ކަމުގައެވެ. އެއީ އެއްވެސް ޙަމަލާއެއް އަލްޤުދުސަށް ދީފިނަމަ ސަރަޙައްދީ ހަނގުރާމައަކަށް މަގުފަހިވެގެންދާނެ ހިސާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޞްރުﷲ ވިދާޅުވީ މިހިސާބުގައި ބައިވެރިވާ ކޮންމެ ބައިކުޅަބަޔަކާއި އެކު ގުޅުމަށް ޙިޒުބުﷲ ޖަމާއަތުން ތައްޔާރަށް އޮތް ކަމުގައެވެ.

އަދި ވިދާޅުވީ ޔަމަނުގެ ހޫސީން އަލްޤުދުސް ޙިމާޔަތް ކުރުމުގައި ޙަރަކާތްތެރިވާނެ ކަމަށް އިއުލާންކުރުން އެއީ މިބައިކުޅަބައިގެ ފުރަތަމަ ނަތީޖާ ކަމުގައެވެ.

އޭނާ ވިދާޅުވީ އިޒުރޭލުގައި ނަތަންޔާހޫއާއި ދެކޮޅު ސަރުކާރެއް އެކުލަވައިލާތީ އެކަން ކުޑަކުރުމަށްޓަކައި އިޒުރޭލުގެ ބޮޑުވަޒީރު ހޭބުއްދި ފަސް ޢަމަލުތަކެއް ކުރައްވައިފާނެ ކަމުގައެވެ.

އެގޮތުން އަލްޤުދުސުގައި ނުބައި ނިޔަތުގެ ޢަމަލުތައް ހިންގުމާއި އިރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ފަހަތުން ދުވުން ހިމެނޭ ކަމުގައެވެ. އެހެންވީމާ މިއީ ވަރަށް ގާތުން ބަލަންޖެހޭ ކަންކަން ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ނަޞްރުﷲ ވަނީ ނަތަންޔާހޫއާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެއްފަދަ ކަމަށް ވިދާޅުވެފައެވެ.

އޭނާ މި އެއްފަދަކަމަށް އިޝާރާތް ކުރައްވައިފައިވަނީ ޓްރަމްޕު ވެރިކަމުން ފައިބާވަޑައިގަތުމަށް ދެކޮޅުހެއްދެވުމުގެ ގޮތުން ދެއްވި ބަޔާނަށެވެ.

އެގޮތުން ނަތަންޔާހޫއާއި ލިކުދްގެ އޮފިޝަލުން އިޒުރޭލުގެ، އާ ކޯލިޝަން ސަރުކާރަކީ ތާރީޚުގެ އެންމެ ބޮޑު އޮޅުވައިލުންކަމަށް ވިދާޅުވެ ދެއްވައިފައިވާ ބަޔާން ފާހަގަ ކުރައްވައިފައިވެއެވެ. އަދި ވިދާޅުވީ އިޒުރޭލުގެ ބޮޑުވަޒީރު ވެރިކަމުިގައި ހުންނެވުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމުގައެވެ.

ނަޞްރުﷲ ވަނީ މީގެ ހަފްތާއެއްކުރީންވެސް ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދެއްވައިފައެވެ.

އޭނާ ދެއްވި ތަޤުރީރުގައި ވިދާޅުވެފައިވަނީ އަލްޤުދުސަށްދޭ އެއްވެސް ޙަމަލާއެއް ވެގެންދާނީ ޙިޒުބުﷲ ހުއްޓުވުމަށް އިޒުރޭލަށް ނުކުޅެދިގެންދާނެ ކަމެއް ކަމުގައެވެ. އެތަޤުރީރު ދެއްވިއިރު ނަސްރުﷲގެ އަޑުފުޅުގައި ބަލިވެ އުޅުއްވާކަމުގެ އަސަރުތައް އެކުލެވިގެންވެއެވެ.

އަދި އެއިރު ރިޕޯރޓުތައް ލިބެމުންދިޔައީ ކޮވިޑް-19 ޖެހިވަޑައިގެން ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާ ކަމުގައެވެ. އިޒުރޭލުގެ ސިފައިން އެއިރު ބުނެފައިވަނީ އެއީ ޙިޒުބުﷲ ޖަމާޢަތުން ހެދި ގޯހެއް ކަމުގައެވެ.

އެގޮތުން ނަޞްރުﷲ އެއިރު އުޅުއްވީ އިޒުރޭލަށް ބިރުދެއްކުމުގެ މެސެޖުތަކެއް ދެއްވުމަށް ކަމުގައެވެ. ނަމަވެސް އެ ދަނޑިވަޅަކީ ނަޞްރުﷲ އާލާސްކަންފުޅުގައި ވަރަށް ބަލިކަށިކޮށް އުޅުއްވި ވަގުތެއް ކަމުގައެވެ.

ޙިޒުބުﷲއިންވަނީ އިޒުރޭލުގެ ރިޕޯރޓުތައް ދޮގުކޮށްފައެވެ. އަދި ނަޞްރުﷲ އެންމެފަހުން ދެއްވި ތަޤުރީރުގައި ފެނިގެންދިޔައީ ވަރަށް ވަރުގަދަކަމާއިއެކު އަޑުފުޅުގައިވެސް ބާރު ހުރިކަމެވެ. އެހެން ނަމަވެސް ކޮންމެވެސް ގޮތަކަށް ކޮށިއަރާފަދަ ގޮތެއް ހުރިކަމަށް ބައެއް ރިޕޯރޓުތައް ބުނެއެވެ.

ނަސްރުﷲ ދެއްވި މިތަޤުރީރުގައި ލުބުނާނުގެ އެތެރޭގެ މަސްރަޙާއިމެދު ފާހަގަކުރެއްވި ފިކުރުފުޅުގައި އަވަސް ޕާރަލަމެންޓަރީ އިންތިޚާބެއް ބޭއްވުމަށް ގޮވައިލެއްވިއެވެ. އަދި އިތުރަށް ވިދާޅުވީ ޤައުމުގައި ސިޔާސީ ހަމަނުޖެހުންތައް ކުރިއަށްގެންދިއުމުގެ ބަދަލުގައި ޕާރޓީތަކުން ސަރުކާރެއް އެކުލަވައިލަން މަސައްކަތްކުރުން ރަނގަޅުވާނެ ކަމުގައެވެ.

ލުބުނާނުގެ މައްސަލަތަކުގެ ފަހަތުގައިވަނީ ޙިޒުބުﷲ ޖަމާޢަތްކަމަށް ތުހުމަތުކުރަނީ ޙަޤީޤީ ސަބަބުތައް ފޮރުވަންކަމަށް ވިދާޅުވެ ނަޞްރުﷲ ވިދާޅުވީ އެމައްސަލަތައް އަންނަނީ އެމެރިކާއާއި އިޒުރޭލުން ކަމުގައެވެ.

އެގޮތުން ލުބުނާނަށް ދިމާވެފައިވާ ހަކަތައިގެ ދަތިކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އީރާނުން ލުބުނާނަށް ތެޔޮ ގަންނަނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކަން ޙައްލުވެގެންދާނެ ކަމުގައެވެ.

ނަމަވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން އީރާނަށް ދީފައިވާ އަދަބުގެ ސަބަބުން އީރާނުން ތެޔޮގަތުން ޤައުމުތަކަށްވަނީ މަނާކޮށްފައެވެ. ނަޞްރުﷲ ވިދާޅުވީ ލުބުނާނުގެ ރައްޔިތުން ގޭސް ސްޓޭޝަންތަކުގައި ލަދުގަންނަންޖެހިފައި ތިބުން އެންމެ އަވަހަށް ނިމުމަކަށް އަންނާނީ އެމެރިކާގެ އަޑުއަހަން ނުތިބެ ލުބުނާނު ފައިސާއިން އީރާނުގެ ތެޔޮ އިމްޕޯރޓުކޮށްގެން ކަމުގައެވެ.

އަދި ލުބުނާނުގެ ސަރުކާރުން އެ ޒިންމާ ނުއުފުލާނަމަ ޙިޒުބުﷲއިން ސީދާ އީރާނާއިއެކު މަޝްވަރާކޮށް ބޭރޫތުގެ ބަނދަރުން އީރާނުގެ ތެޔޮ އިމްޕޯރޓު ކުރާނެ ކަމުގައެވެ.

ޙިޒުބުﷲގެ މިފަދަ ފިޔަވަޅެއް ވެގެންދާނީ އީރާނުގެ ތެޔޮ ޓޭންކަރުތައް އިޒުރޭލުގެ އައްސޭރިފަށާއި މާދުރުނޫން ހިސާބަކުން ދަތުރުކުރަންޖެހެނެ ކަމަކަށެވެ. އަދި މިއަހަރުގެ ކުރީކޮޅު އީރާނުގެ ވަރަށް ގިނަ ބޯޓުތަކަށް އިޒުރޭލުން ޙަމަލާދީފައިވާއިރު އީރާނަށް ތުހުމަތުކުރެވޭ ވަރަށް ގިނަ ޙަމަލާތަކެއް އިޒުރޭލުގެ ބޯތުތަކަށް ކުރިމަތިވެފައި ވެއެވެ.

ވޯލްސްސްޓްރީޓް ޖާނަލުން ރިޕޯރޓުކޮށްފައިވާ ގޮތުގައި ސީރިއާއަށް ދަތުރުކުރި އީރާނުގެ ވަރަށް ގިނަ ތެޔޮ ޓޭންކަރުތަކަކަށް އިޒުރޭލުންވަނީ ޙަމަލާ ދީފައެވެ.

ޙިޒުބުﷲ ޖަމާޢަތުގެ ވެރިއާ ތަޤުރީރު ކުރައްވަމުން ދިޔައިރު އިޒުރޭލުގެ ސަލާމަތީ ކެބިނެޓުން ކަނާތު ފިޔައިގެ ޖަމާޢަތްތަކާއި އެކު އަލްޤުދުސްގައި އިޒުރޭލުގެ ދިދަ ހިފައިގެން ހިނގައިލުމެއް ބާއްވަން ދިޔައީ ރާވަމުންނެވެ. ނަމަވެސް މިފަދަ ކަމަކަށް ހުއްދަ ނުލިބުމުން ނަތަންޔާހޫ އެކަމާއިމެދު އިތުރަށް ކުރެއްވި މަޝްވަރާތަކާއި ގުޅިގެން އިޒުރޭލުގެ ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއްވެސް މިއަދުވަނީ ބާއްވައިފައެވެ.

އޮފިޝަލުންވަނީ މިމައްސަލައިގާ ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ހިނގައިލުމެއް ކުރިއަށް ގެންގޮސްފިނަމަ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހަމަނުޖެހުންތަކެއް ފެށިދާނެ ކަމުގައެވެ.

ޙަމާސްގެ ލީޑަރު ޔަޙުޔާ ސިންވާރު ހޮނިހިރުދުވަހު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކަކީ އިޒުރޭލުން އޮޕަރޭޝަން ގާރޑިއަން އޮފްދަ ވޯލްގެ ގޮތުގައި ކުރި ހަނގުރާމަ މެދުކަނޑައިލުމަށްވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ދެފަރާތަށްވެސް އޮތް އިމްތިޙާނެއް ކަމުގައެވެ.

އެހެން ނަމަވެސް އިސްތިޢުމާރީން އެނބުރި އަތުވބެއްޖެނަމަ މެދުއިރުމަތި އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގައެވެ.