ފަލަސްތީނުގެ ހުޅަނގު އައްސޭރިން ފަލަސްތީނުގެ ރައްޔިތުން ހިފައި ހައްޔަރު ކުރުމުގެ އޮޕަރޭޝަން އިސްރާއީލުގެ އުދުވާނީ ފުލުހުން އިތުރަށް ފުޅާކޮށްފިއެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ދިން ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ފަހުން އިސްރާއީލުންވަނީ ހުޅަނގު އައްސޭރީގެ އަވަށްތަކުން ފަލަސްތީނުގެ އެތައްބަޔަކު ހައްޔަރު ކުރަން ފަށާފައެވެ.

ހުޅަނގު އައްސޭރިއަކީ އިސްރާއީލުން ހިފައި އިސްތިއުމާރު ކޮށްފައި އޮންނަ ރަށެކެވެ.

"އޮޕަރޭޝަން ލޯ އެންޑް އޯޑަރ" ގެ ނަމުގައި އިސްރާއީލު ފުލުހުން ހިންގާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 2،142 މީހުން ހައްޔަރުކޮށްފައިވެއެވެ.

އިސްރާއީލު ފުލުހުން ބުނެފައިވަނީ، އޮޕަރޭޝަންގައި ހައްޔަރު ކުރަމުން ގެންދަނީ މުޒާހަރާކުރާ އިސްމީހުން ކަމަށާއި، މިއީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އިސްރާއީލުން ހައްޔަރު ކުރަމުންދާ މީހުންގެ ތެރޭގައި ފަލަސްތީނުގެ ސުލްހައަށާއި، މިނިވަންކަމަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، އަދި ގިނަ އަދަދެއްގެ ނޫސްވެރިންވެސް ހިމެނެއެވެ.

ޚާއްސަކޮށް، ހުޅަނގު އައްސޭރީގެ ޝައިޚް ޖައްރާހް އަވަށުން ފަލަސްތީނުގެ ރައްޔިތުން ގަދަބާރުން ނެރެލުމަށް ޔަހޫދީ ވަޒަންވެރިންނާއި، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިންގަމުން ގެންދާ އުދުވާނު ކަވަރުކުރާ ނޫސްވެރިންނަށް އަނިޔާކޮށް، އެމީހުންގެ ތަކެތި ހަލާކުކޮށް، ނޫސްވެރިން ހައްޔަރު ކުރުމުގެ އަމަލުތަކެއްވެސް ހިންގާފައިވެއެވެ. އެ ޖަރީމާގެ ތެރެއިން އަލްޖަޒީރާގެ ނޫސްވެރިޔަކަށް އަނިޔާކޮށް ހައްޔަރުކުރުމުގެ ހާދިސާވެސް ހިމެނެއެވެ.

ޝައިޚް ޖައްރާހްގެ އިތުރުން، ބައިތާ ނަމަކަށްކިޔާ އަވަށަކާއި، އަދި ހުޅަނގު އައްސޭރީގެ ސިލްވާން އަވަށުންވެސް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެލުމަށް އިސްރާއީލުން މަސައްކަތް ކުރަމުން ގެންދާތީ، އެކަމާ ދެކޮޅަށް ވަރަށް ވަރުގަދަ އިހުތިޖާޖުތަކެއް ދަނީ ހިނގަމުންނެވެ.

ސިލްވާން އަވަށުގެ ފަލަސްތީނުގެ 1،500 މީހަކަށް 21 ދުވަހުގެ ތެރޭގައި އެމީހުންގެ ގެދޮރު އަމިއްލައަށް ހަލާކުކުރުމަށް އަވަށުން ނުކުތުމަށް އިސްރާއީލުން މުހުލަތު ދީފައިވާ ކަމަށާއި، އެކަން ނުކޮށްފިނަމަ އެކަން ކުރުމުގެ ފީ އެމީހުންގެ އަތުން ނަގާނޭ ކަމަށް އިސްރާއީލުން ނޯޓިސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެނޫންވެސް، ހުޅަނގު އައްސޭރީގެ އިތުރު އެތައް އަވަށަކަށް ގަދަކަމުން ވަދެގަނެ، ސިއްހީ ޚިދުމަތްދޭ ތަންތަނާއި، ނޫސް އިދާރާތަކަށް ވަދެގަނެ ގެއްލުންދީ، ތަންތަން ބަންދުކޮށް އަދި ފަލަސްތީނުގެ ރައްޔިތުން ދަނޑުވެރިކަން ކުރާ ބައެއް ސަރަހައްދުތަކަށްވެސް ގެއްލުންދީ، ހަލާކު ކުރަމުންދާ ކަމަށް ފަލަސްތީނުން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.

އޭގެ ވީޑިއޯތަކާއި ފޮޓޯތައް ދަނީ އާންމުވަމުންނެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގެ އަވަށްތަކަށް ވަދެގަނެ، ގެއްލުންދީ، މީހުން ހައްޔަރުކޮށް މި ޖަރީމާތައް ހިންގަމުންގެންދަނީ، ޣައްޒާ އުދުވާނުގެ ފަހުން އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރަށްތަކުގައި ފެށިފައިވާ މުޒާހަރާތަކާއި، އިޖުތިޖާޖުތައް ފުޅާވެ، ފަލަސްތީނު ރައްޔިތުންގެ މެދުގައި ދެކޮޅުވެރިކަމުގެ ވަރުގަދަ ރޫހެއް އުފެދި އެކަން ފުޅާވަމުންދާތީ ފަލަސްތީނު ރައްޔިތުން ނަފްސާނީގޮތުން ބަލިކޮށްލުމަށް ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.