ފޮރިން މިނިސްޓަރ އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ހަމަޖައްސަވައިފިއެވެ.

މީގެއިތުރުން އާއްމު މަޖިލީހުގެ ރައީސްގެ ޗީފް ޑި ކެބިނެޓްގެ މަޤާމަށް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ކުމާރްވެސް ވަނީ ހަމަޖައްސަވާފައެވެ.

އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ޤައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ.

މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައްވެސް ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވަނީ މިހާރު ހިނގަމުންދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރް އާއި އިއްޔެ އދގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އިންތިޚާބުގައި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި އަދި ކުރިއަށް ހުރި މަސައްކަތްތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ބޮޒްކިރްގެ ތަޖުރިބާ ހިއްސާކުރެއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެފައިވަނީ 143 ގައުމުގެ ވޯޓުންނެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސައުލް އަށް ލިބިފައިވަނީ 48 ވޯޓެވެ.