ދިވެހިރާއްޖޭގައި އުފަންވާ ކުދިން ހަތްދުވަހުގެތެރޭ ރަޖިސްޓްރީ ކުރުމަށް ކަމާބެހޭ ލިޔުންތައް ސިޓީ ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް ހުށަނާޅައިފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ގާނޫނެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށައެޅުއްވި މި ބިލް ހުށައަޅާފައިވަނީ، އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލުގެ ނަމުގައެެވެ.

ބިލުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނޫނީ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.

މިމުއްދަތުގެ ތެރޭ ރަށް ނޫނީ ސިޓީ ކައުންސިލަށް ފޫޅުމާ ފޯމާއެކު ކުއްޖާ ރަޖިސްޓްރީ ކުރަން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10،000ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގައި އުފަންވާ ކުއްޖަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވީ ކުއްޖެއް ނަމަ އެ ކުއްޖެއްގެ އުފަންވުން އެ ކުއްޖާ އުފަންވާ ގައުމުގައި ރަޖިސްޓްރީ ކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖާގެ އުފަންވުން ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ހުށަހަޅަން ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ބިލުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ އުސޫލުތައް ކަނޑައެޅުމާބެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްޔެގެ ޖަލްސާގައި ވަނީ އިއްވާފައެވެ.