ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ، ޕޮޒިޓިވްވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށެވެ. އޭނާ ޕޮޒިޓިވްވީކަން އެނގުނީ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކުމުން ޓެސްޓް ކުރުމުންނެވެ.

މިކަމާއި ގުޅިގެން ރޭ ދަންވަރު ވަނީ ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 27 މީހުން ފާހަގަ ކުރެވިފައިވާކަމަށެވެ. އޭގެތެރޭން 24 މީހުންގެ ސާމްޕަލް ނަގާފައިވާކަމަށާއި، މިސާމްޕަލްތަކުގެ ނަތީޖާ މިއަދު ހަވީރު ލިބޭނެކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ނަތީޖާތައް ލިބުމުން ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށާއި، މިހާރު އެރަށުން 13 ގެއެއް ކަރަންޓީން ކުރެވިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިދިޔަ މެއިމަހުވެސް ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އަދި ހދ އަތޮޅުގެ ބައެއް ރަށްތަކުންވެސް ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ.