ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާދަތިތަކަށް ރިއާޔަތްކޮށް، ޓޫރިޒަމް ދާއިރާގެ ބައެއް ޓެކްސްތައް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފިއެވެ.

މީރާއިން ބުނީ، މިއަހަރުގެ އެޕްރީލް މަހަށް ހުށަހަޅަންޖެހޭ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާނާއި ގްރީންޓެކްސް ބަޔާން ހުށަހެޅުމާއި، އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި 15 ޖޫން 2021 އަށް ފަސްކޮށްފައިވާކަމަށެވެ.

އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހައި ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން 27 މޭ 2021 އާއި މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފަށާ ދުވަހާ ދެމެދު އަންނަ ސުންގަޑިތައްވެސް ވަނި ފަސްކޮށްދީފައެވެ.

ފަސްކުރެވުނު މި ސުންގަޑިތަކުގެ އައު ސުންގަޑިތައް މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފެށުމުން އިޢުލާންކުރެވޭނެކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.

މިރާއިން މި ފަހުން ވަނީ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިންކަމް ޓެކުހުގެ ސުންގަޑިތަކަށްވެސް ބަދަލު ގެނެސްފައެވެ.

އެގޮތުން އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި މީރާއިން 31 އޮގަސްޓުގެ ނިޔަލަށް ވަނީ ފަސްކޮށްފައެވެ. އަދި 2021 ވަނަ އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި 30 ސެޕްޓެންބަރު އަށް ވަނީ ފަސްކޮށްފައެވެ.

މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެއިންތިޒާމު ހަމަޖެހިފައިވާތީ، ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯއްދެވުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެެވެ.