މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން މީހަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެންޑަރ މިނިސްޓްރީން ނިންމައިފިއެވެ.

އެހީތެރިކަން ފޯރުކޮށްދޭން އެމިނިސްޓްރީން ނިންމާފައިމިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބޮޑު ޒަޚަމެއް ލިބުނު އާދަމް އުމަރު ހާލުގައިޖެހި އެކަމުގެ ޝަކުވާ އާންމު ރައްޔިތުން ކުރަމުންދަނިކޮށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން މީހަކު މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވޭނެ އެހީގެ މަޢުލޫމާތު އެ ފަރާތަށް ވަނީ ކިޔައިދީފައި ކަމަށާއި އަދި މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައި ދުވަހުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންް ކަމަށްވެސް ބުނެއެވެ.

ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުތައް ޝާއިއުކުރުމުގެ ކުރިން މިނިސްޓްރީއިން މަޢުލޫމާތު ކަށަވަރު ކުރެއްވުމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ އެދިފައެވެ.