މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު އޮގަސްޓު މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ކަމެއްކަމުގައި ނުފެންނާތީވެ، އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ކާޑު މުއްދަތު ހަމަވެ ކާޑު އައުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވެ އަދި ޚިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެދާނެ ކަމަށް އެ ޑިޕާޓްމަންޓަށް ދެކޭ ކަމަށެވެ.

އެހެންކަމުން ކާޑުގެ މުއްދަތު މިއަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަން އަންގާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެއެވެ.

އަދި ރައްޔިތުންނަށް ހިދުމަތްދޭ އެންމެހާ މުވައްސަސާ ތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި އެކަމަށް ރިއާޔަތް ކުރުމަށް ޑީއެންއާރުން ވަނީ އެދިފައެވެ.

ޑީއެންއާރުން ބުނީ މާލެ ސަރަހައްދުގައި ދިރި އުޅޭ މީހުނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑީއެންއާރްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކާޑު ހައްދަން ހުށަހެޅޭނެ ކަމަށެވެ.