އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 10 އަތޮޅެއްގައި ގާއިމްކުރަން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ގއ. ވިލިނގިލި، ބ. އޭދަފުށި، ޅ. ހިންނަވަރު ޅ. ނައިފަރު، ދ. ކުޑަހުވަދޫގެ އިތުރުން ށ. ފުނަދޫ އަދި ލ. ފޮނަދޫ، ލ. ގަން، ލ. ހިތަދޫ، ލ. މާމެންދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. ދަނބިދޫ، ލ. މާވަށް، ލ. އިސްދޫ އަދި ލ. ކަލައިދޫގައި 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއަށް ބިލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއިއެކު މަޝްރޫޢުގެ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސުންވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ 30 އިންސައްތައަށްވުރެ މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމުކޮށްވެސް ކަރަންޓު ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މަޝްރޫޢިން 40 މެގޮވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ވަނީ ރާވާފައެވެ.

އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.

ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ.