އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލަށް ވޯޓު ދީގެން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެއެވެ.

މިނިސްޓަރ މަހުލޫފް މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ ފެށުނީއްސުރެވެސް އެމަނިކުފަނާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ.

އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި، މިކަން ކުރުމުގެ ބޭނުމަކީ ޔޫތު މިނިސްޓަރ ކަމުގެ މަގާމުން ވަކިކުރުން ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު އެއުޅެނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން އެމީހުންނަށް ނުވިސްނޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ގޯސް ތުހުމަތުތަކެއް ކަމަށާއި، މިތުހުމަތު ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލަށް ވޯޓުދީގެން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެހެންނަމަވެސް އޭރު އެމަނިކުފާނަކީ ޕީޕީއެމްގެ މަޖިލިސް މެންބަރެއް ކަމަށާއި، ވޯޓުދިނީ ތްރީލައިން ވިޕާ އެއްގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމައްސަލައިގައި ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އޭސީސީއަށް ލިބިގެން ނުވާ ކަމަށާއި، އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަން ރައީސް ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތަށްވެސް ފޮނުވީ ކޮމިޝަނުންކަން މަހުލޫފް ވަނީ ފާހަގަ ކުރައްވާފައެވެ.

އެމަނިކުފާނުގެ މައްސަލަ ބެލުމައިގެން ހަމަ ކުރިއަށްދާންވީ ކަމަށާއި، އެހެންނަމަވެސް އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތު ކުރުމެއްނެތި ކަމަށް މިނިސްޓަރ މަހްލޫފްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އެމަނިކުފާނުގެ ނަން އެކަނިތޯ މަހްލޫފް ވަނީ ސުވާލު ކުރައްވާފައެވެ.

ޤާނޫނާއި ގަވައިދުގެ ތެރެއިން ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާވެސް އެއްގޮތަށް އެމަނިކުފާނާމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެއްމެ ދުވަހަކުވެސް އެމަގާމުގައި ދެމިނުހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަންބަޅިއެއްހެން ހަމައެކަނި އެމަނިކުފާނު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޓްވީޓު ނިންމަވާލައްވަމުން ވަނީ މިހާރު ވަރުބަލިވެއްޖެ ކަމަށާއި، އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އޭސީސީން އިއްޔެ ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ މަހުލޫފުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.

އޭސީސީން މިމައްސަލަ ޕީޖި އޮފީހަށް ހުށަހަޅާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަހްމަދު މަހްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާތީއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ މިނިސްޓަރ މަހްލޫފް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރައްވާފައެވެ.