ހަގު އުމުރުގެ މީހުންނަށް ވެސް ކޮވިޑް ބަލީގެ ނުރައްކާ އޮތް މިންވަރު މިސާޖުން ފާހަގަކުރެވިފައިވާ ކަމަށް ޓެގް ޓީމްގެ މެމްބަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ތަފްސީލުކޮށް ދެއްވަމުންނެވެ.

ޑރ. ޝަހީދު ވިދާޅުވީ ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން ނިޔާވީ މިދިޔަ މެއިމަހު ކަމަށެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހުގެ 28 އިން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ބަލީގައި ރާއްޖެއިން 111 މީހަކު ނިޔާވެފައިވާކަމަށް ރެކޯޑުކޮށްފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ މި މުއްދަތުގައި ނިޔާވި މީހުންގެ 60 އިންސައްތަ މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށެވެ.

40 އަހަރާއި 65 އަހރާ ދެމެދުގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުން ހިމެނޭ ކަމަށާއި، ނިޔާވި މީހުންގެ 20 އިންސައްތަ ވަރަކަށް މީހުންނަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ހަގު އުމުރުގެ މީހުންނަށް ވެސް މިބަލީގެ ނުރައްކާ އޮތް މިންވަރު މި ސާޖުން ފާހަގަކުރެވުނު ކަމަށެވެ.

މި ބަލީގެ ނުރައްކާ އޮތީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް އެކަނި ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުން ގިނަ އަދަދަކަށް ނިޔާވެފައި މި ވަނީ. އެހެންނަމަވެސް ޕަސެންޓޭޖުން ބަަލައިފިނަމަ ހަގު އުމުރުގެ މީހުން ނިޔާވި އިންސައްތަ ވެސް ބޮޑު. އެހެންވީމަ ހަގު އުމުރުގެ މީހުން ވެސް ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން މުހިންމު.
ޑރ. އަހުމަދު ޝަހީދު

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ މި މުއްދަތުގައި ނިޔާވި މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ފިރިހެނުން ކަމަށެވެ. އަދި 40 އިންސައްތަ މީހުންނަކީ އަންހެނުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މަރުވާ މީހުންގެ އިންސައްތަ އަންހެނުންނަށްވުރެ ފިރިހެނުން އިތުރުވުމަކީ މިއީ އެހެން ގައުމުތަކުގައިވެސް ފާހަގަކުރެވޭ ޓްރެންޑެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.