ކޮވިޑްބަލީގައި އިންޑިއާއިން މަރުވި ކަމަށް ރެކޯޑުކޮށްފައިވާ އަދަދު ކުއްލިއަކަށް ވަރަށް މައްޗަށް އަރައިފިއެވެ.

މަރުވި މީހުންގެ އަދަދުތައް ކުއްލިއަކަށް މައްޗަށް ދިޔައީ، އިންޑިއާގެ ބިހާރު ސްޓޭޓުން ކޮވިޑްބަލީގައި މަރުވި ކަމަށް ރެކޯޑުކޮށްފައިވާ އަދަދު އިސްލާހްކޮށް މިއަދު އަލުން އިއުލާން ކުރުމުންނެވެ.

ކޮވިޑް ބަލީގައި ބިހާރުން މަރުވި ކަމަށް ކުރިން ރިޕޯޓްކޮށްފައިވަނީ 5،424 މީހުންނެވެ. ނަމަވެސް، އެ އަދަދު މިއަދުވަނީ 9،429 އަށް އިތުރުކޮށްފައެވެ.

މިއާއެކު، އިންޑިއާއިން ކޮވިޑްބަލީގައި މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ އަދަދު ކުއްލިއަކަށްވަނީ މައްޗަށް ގޮސްފައެވެ. އަދި މިބަލީގައި އިންޑިއާއިން މަރުވެ އަދި ރަސްމީ ތަފާސްހިސާބުގައި ރެކޯޑް ކުރެވިފައިނުވާ އެތައްހާސް ބަޔަކު އަދިވެސް ތިބެދާނެކަމުގެ ޝައްކުތައް މިހާރުވަނީ އިތުރުވެގެން ގޮސްފައެވެ.

ކޮވިޑްބަލީގެ ދެވަނަ ރާޅާއެކު، އޭޕްރީލް މަހާއި މެއިމަހުގެ ތެރޭގައި އިންޑިއާގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، އޮކްސިޖަން ހުސްވެ، ހޮސްޕިޓަލްތަކުގެ ޕާކިންގ އޭރިއާތަކާއި، ގޭގޭގައިވެސް އެތައްބަޔަކު ވަނީ މަރުވެފައެވެ.

މަރުވި އެތައްބަޔަކު ކޮވިޑަށް ޓެސްޓުނުކޮށް އަންދާލާފައި ވާއިރު، އިންޑިއާގެ ކޯރުތަކަށް އުކާލާފައިވާ އެތައް މީހެއްގެ ހަށިގަނޑުވެސް ފެނިފައި ވެއެވެ.

މިގޮތަށް މަރުވި ގިނަމީހުން، ކޮވިޑްބަލީގައި އިންޑިއާއިން މަރުވި މީހުންގެ ރަސްމީ ތަފާސްހިސާބުގައި ހިމެނިފައި ނުވާކަމަށް ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިންޑިއާއަކީ، އެމެރިކާ ފިޔަވައި، ދުނިޔޭގައި ކޮވިޑް ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމެވެ.

އިންޑިއާއިން މިހާތަނަށް 29.2 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވާއިރު، ބަލީގައި މަރުވި ކަމަށް ރެކޯޑްކޮށްފައިވަނީ 359،676 މީހުންނެވެ.

ނަމަވެސް، ބިހާރު ސްޓޭޓުން އިތުރުވި އަދަދުތަކާއެކު، ބަލީގައި މަރުވެ، ރަސްމީ ތަފާސްހިސާބުގައި ނުހިމެނި އެތައްހާސް ބަޔަކު ވާނޭ ކަމުގެ ޝައްކުތައް މިހާރުވަނީ އުފެދިގެން ގޮސްފައެވެ.

ބިހާރުން މަރުވި މީހުންގެ އަދަދުތަކުގައި އެތައްހާސް ބަޔަކު ނުހިމެނި ދިޔައީ ކީއްވެގެންކަން ދެނެގަތުމަށް ބިހާރު ސްޓޭޓްގެ ހެލްތު ޑިޕާޓްމަންޓުން މިހާރުވަނީ ތަހްގީގެއް ފަށާފައެވެ.