ހއ. ހޯރަފުށީ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތައް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މެއިމަހުގެ މެދުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ކުރި ވިއްސާރައިގައި ހޯރަފުއްޓަށް އުދަ އަރައި، އެރަށުގައި ހުންނަ އެއާޕޯޓަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ވަނީ، އުދައިގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައެވެ.

އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް ނިމިފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އުދައިގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ރަންވޭއާއި ހައިވޭއަށް ވަރަށް ބޮޑަށް އުދަ އަރާފައިވާކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވަނީ ވީނިއުސްއަށް ވިދާޅުވެފައެވެ.

އެއާޕޯޓު ޓާމިނަލްގެ ދޮރުތައް ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައިވާ ކަމަށާއި، އަލުން އެމަސައްކަތް ކުރަންޖެހޭ ވަރަށް ގެއްލުން ލިބިފައިވާކަމަށް ވަހީދު ވިދާޅުވިއެވެ

އެއާޕޯޓުގެ ދޮރުތަކަށް ބޮޑު ގެއްލުމެއް ލިބިފައިވީނަމަވެސް އެއާޕޯޓުގެ މެޝިނަރީތަކަށް އެއްވެސް ވަރަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ހޯރަފުށި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ.