ނަފްރަތު މަނާކުރާ ބިލްގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާ ދެކޮޅަށް "ބޭންސެކިއުލަރބިލް" ގެ ނަމުގައި ޖަމްއިއްޔަތުއްސަލަފުން ފަށާފައިވާ ކެމްޕޭނާ ގުޅޭގޮތުން، އެ ޖަމްއިއްޔާއިން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދުއަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ.

ސަލަފުން ބުނީ، ހޯމް މިނިސްޓަރަށާއި، ސީޕީއަށް ސިޓީއެއް ފޮނުވީ، "ބޭންސެކިއުލަރބިލް" ގެ ނަމުގައި އެ ޖަމްއިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިންގައި ރައްޔިތެއްގެ ހައިސިއްޔަތުން ބައިވެރިވަމުންދާ ފުލުހުންނަށް ފުލުހުންގެ މުއައްސަސާއިން އެކަން މަނާކުރަމުންދާ ކަމަށް ޚަބަރުލިބިފައިވާތީ، ކަމުގެ ހަގީގަތް ސާފުކޮށް އޮޅުން ފިލުވައިދިނުމަށްޓަކައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސަލަފުން އާންމުކުރި ޚަބަރުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ނަފްރަތު މަނާކުރާ ބިލާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

ސަލަފުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިތުރު ކުރުމަށްޓަކައި ސަރުކާރުން މިހާރު ހުށައަޅުއްވާފައިވާ 124 ވަނަ މާއްދާގެ ބިލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ 2008 ގެ 27 ވަނަމާއްދާގައިވާ "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު" ހަނިކޮށް ބަންދުކުރުމުގެ މައްޗަށް ފަރުމާކުރެވިފައިވާ ބިލެއް ކަމުގައްޔާއި، އަދި އެބިލުގެ ބޭނުމަކީ، ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއްކަމުގައި ކަނޑައެޅުންކަމަށްވެފައި؛ އެއީ އިސްލާމީ ދައުވަތު ފެތުރުމާއި، ދީނީ ހޭލުންތެރިކުރުމުގެ ދާއިރާގެ ތެރެއަށް އިތުރުކުރުމަށް ހުށައަޅާފައިވާ ގާނޫނެއްކަމަށް ދެކޭ ކަމަށެވެ.

ރާއްޖޭގައި ދީނީ ނަސޭހަތްދިނުމާއި، ދީނީ ހޭލުންތެރިކުރުމުގެ ވާހަކަ ދެއްކުމަށް ޚާއްސަ ކުރެވިފައިވާ ގާނޫނުކަމުގައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު 94/6 ގެ ދަށުން ހެދިފައިވާ ގަވައިދު ގެ 5 ވަނަ މާއްދާގެ (ޅ) ގައި "އެއްވެސް ބާވަތެއްގެ އަނިޔާއަކަށް ހިތްވަރުދޭ، އަދި މީސްތަކުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ވާހަކަ ނުދެއްކުން" މިހާރުވެސް ބަޔާންކުރެވިފައި ވީހިނދު، އަސްލު ދާއިރާގެ ބިލުގައިވާ އިހްތިސާސްގެ ހައިސިއްޔަތާއި، ބާރު ކެނޑި، އިހްތިސާސްއާ، ދުރު އެހެން ދާއިރާއަކުން އަނެއްކާ ހަމަ އެމަގްސަދު ތަކުރާރުކުރުމާމެދު ސުވާލު އުފެދި، ކަންބޮޑުވާ ކަމަށް ޖަމްއިއްޔަތުއްސަލަފުން ހާމަކޮށްފައި ވެއެވެ.

ސަލަފުން ބުނެފައިވަނީ، ބިލާ ދެކޮޅަށް ކެމްޕެއިނެއް ފެށީ، ބިލުގެ ބާވަތުންނާއި، ބިލާމެދު އާއްމު ރައްޔިތުންނަށާއި، ޚާއްސަކޮށް ޢިލްމުވެރީންނަށް ގާނޫނުއަސާސީ ލިބިދޭ ހައްގުގެ ބޭނުންހިފައި އަދި ޖަމްއިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޢިލްމުވެރީންނާ މަޝްވަރާ ކުރުމާއެކު، އެބިލަކީ ކީރިތި ޤުރްއާނާއި ސުންނަތުން އައިސްފައިވާ އަސާސެއް މުގުރާލާ ބިލެއްކަމަށް އެނގި ބަޔާންވުމާއެކު، ޢިލްމުވެރިންގެ ވާޖިބް އަދާކުރުމުގެ ގޮތުންނާއި، ރައްޔިތުން މަޖިލީހަށް ލިބިގެންވާ ގާނޫނުހެދުމުގެ ބާރުގެ އިހްތިސާސްއިންވެސް ބޭރުވާ ބިލަކަށްވާތީ ކަމަށެވެ.

އަދި އެބިލާމެދު އިބްތިދާއީކޮށް އިންކާރު ފާޅުކުރުމަށާއި، އަދި މަޖިލީހަށް ހުށައެޅޭ ބިލުތަކާމެދު އާއްމު ރައްޔިތުންނާއި، މަދަނީ ޖަމްއިއްޔާއެއްގެ ހައިސިއްޔަތުން ފާޑުކިޔައި، ޚިޔާލުފާޅުކުރުމަށް ގާނޫނީގޮތުން ލިބިދޭ ހައްގުގެ ބޭނުން ހިފުމުގެ ގޮތުންނާއިވެސް އެކުގައި ކަމަށް ބުނެފައި ވެއެވެ.

"6 މެއި 2021 ގައި، ސޯޝަލް މީޑިއާގައި " ބޭންސެކިއުލަރބިލް" ގެ ޝިއާރުގެ ދަށުން، ޖަމްއިއްޔަތުއްސަލަފުން ފަށާފައިވާ ކެމްޕޭންގައި، މަދަނީ މުވާޠިނެއްގެ ހައިޘިއްޔަތުން ބައިވެރިވެ، އަމިއްލަ ޚިޔާލު ފާޅުކުރާން ބޭނުން ކޮންމެ ފަރުދަކަށް އެ ހަައްޤު އޮތްކަމަށް އަޅުގަނޑުމެން ދެކޭ ހިނދު، އެ ހައްގުން އެއްވެސް ދިވެހި ރައްޔިތަކު މަހްރޫމްކުރުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމެވެ"
ޖަމްއިއްޔަތުއްސަލަފުން

ސަލަފުން ބުނެފައިވަނީ، ވަކިން ޚާއްސަކޮށް ގާނޫނުއަސާސީގެ ހއްގުތައް ރައްކާތެރި ކޮށްދެއްވުމުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ އެއް މުއައްސަސާކަމުގައިވާ ދިވެހިފުލުހުންގެ މުއައްސަސާއިން އެ މިނިވަންކަމަށް ހުރަސްއެޅުމީ ރައްޔިތުންގެ އަސާސީ ހައްގުތަކުގެ މިނިވަންކަން ގެއްލި، އިޖްތިމާއީ ދިރިއުޅުން ބަނަކޮށް، ނާމާންކުރުން ކަމުގައި ނޫނީ ނުބެލެވޭ ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތު އުފެއްދުން މަނާކުރާ ބިލާ ދެކޮޅަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ އިލްމުވެރިންނާއި، އާންމު އެތއްބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދެއެވެ.

ގިނަމީހުން ބުނަމުން ގެންދަނީ، ބިލުގައި ހުށަހަޅާފައިވާ އިސްލާހްތައް މަޖިލީހުން ފާސްކޮށްފިނަމަ އެކަން ވެގެންދާނީ، މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް ހުޅުވާލެވޭ ގާނޫނީ ދޮރަކަށް ކަމަށެވެ.