• ކޮވިޑްބަލީގައި މިއަދު އެއްވެސް މީހަކު މަރުވިކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވޭ
  • ވޭތުވެދިޔަ 24 ގަޑިއިރު 1،663 މީހުން ކޮވިޑްބަލިން ފަސޭހަ
  • އެކްޓިވް ކޭސްގެ އަދަދު ބޮޑުތަނުން ދަށަށް، ހޮސްޕިޓަލްތަކުގަ 115 މީހުން

ރާއްޖެއިން 323 މީހުން ކޮވިޑް ބައްޔަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،819 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 323 ސާމްޕަލް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 163 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 143 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 9 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 8 މީހަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

އަލަށް ޕޮޒިޓިވްވި 323 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 69،536 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 1،663 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 55،055 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 14،281 ގައެވެ. މީގެތެރެއިން 115 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑްބަލީގައި މިއަދު ރާއްޖެއިން އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.