އޮސްޓްރޭލިއާއިން މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ ޑޭވިޑް ހޯލީ އަދި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އިސްވެރިންނާއިއެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދުމާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭގޮތުން ވަނި މަޝްވަރާ ކޮށްފައެވެ.

އެގޮތުން އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގެ ދަށުން ރާއްޖެއަށް ދެމުންދާ ފުރުސަތުތައް އިތުރު ކުރުމާއި، ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ފުރުސަތު އިތުރުކުރުމާއި އަދި އިތުރު 1 ފުލް ސްކޮލަރޝިޕް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަ އެދިވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އޮސްޓްރޭލިއާ އެވޯޑްސް އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކާއިއެކު ޕާޓްނަރޝިޕް ޕްރޮގްރާމެއްގެ ދަށުން ޔުނިވަރސިޓީތަކުން ޓިއުޝަންފީ ހިލޭވުމުން ދިވެހި ސަރުކާރުން ދަރިވަރުންގެ ލިވިންގް އެލަވަންސްއަށް ޚަރަދު ކުރާގޮތަށް ޕްރޮގްރާމްއެއް ފެށުމަށް މަޝްވަރާކުރި ކަމަށާއި، އޮސްޓްރޭލިއާ ޔުނިވަރސިޓިތަކުގައި ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމަށް އެޑިޔުކޭޝަން ފެއަރއެއް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑްގެ ޙާލަތް މެދުވެރިވުމާއިއެކު ދިވެހިރާއްޖޭގެ ސިއްޙި ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ބޭނުންތެރިކަން ފާހަގަވުމާއިއެކު، މި ދާއިރާއިން ގްރޫޕް ޓްރެއިނިންގްތައް ހެދުމަށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުސަތުތައް ބަލައިދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން ރާއްޖޭގެ އެކި ކަންކޮޅުގައި ޖޫނިއަރ ކޮލެޖް، ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރ އަދި ޕޮލިޓެކްނިކް ކެމްޕަސްތައް ޤާއިމްކޮށް ހިންގުމުގެ ފުރުޞަތުތައް ހުޅުވިފައި އޮތްކަމާއި އަދި މިއީ އޮސްޓްރޭލިއާގެ ޔުނިވަރސޓީތަކާއި އިންވެސްޓަރުންނަށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންވެސްޓްކުރަން ލިބޭ ރަނގަޅު ފުރުޞަތެއްކަން މިނިސްޓަރ ފާހަގަކުރެއްވި ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.