ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ދެވަނަ ބުރުގެ މެޗުތަކަކީ މުސްތަގްބަލުގައި ޓީމު އެކުލަވާލާ ރަނގަޅު ކާމިޔާބީތައް ހޯދުމަށް އެޅިގެންދާ ފައުންޑޭޝަނެއް ކަމަށް ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ބުނެފިއެވެ.

ކޮލިފިކޭޝަނުގައި ހުކުރު ދުވަހުގެރޭ ގައުމީ ޓީމުން ޗައިނާ އާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗް ބުނީ، މުބާރާތަށް ތައްޔާރުވުމަށް ދިވެހި ޓީމަށް އެންމެ އެކަށީގެންވާ މާހައުލެއް ނުލިބުން ކަމަށާއި، އޭނާ ކޯޗުކަމާއި ހަވާލުވިފަހުން ޓީމު ދެނެގަތުމަށް އެންމެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައި ނުވާކަމަށެވެ.

ކޯޗް މިހެން ބުނެފައިވާއިރު ގައުމީ ޓީމުގެ ކޯޗުކަމާއި އޭނާ ހަވާލުވިފަހުން ގައުމީ ޓީމުން އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ ކޮލިފިކޭޝަނުގައި މި މަހުގެ 4 ވަނަ ދުވަހު ސީރިއާ އާއި ދެކޮޅަށެވެ. އެ މެޗުން ސީރިއާ އަތުން ރާއްޖެ ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ.

މީގެއިތުރުން ކޯޗް ވަނީ ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ހާލަތެއް ނެތި މި ދަނޑިވަޅުގައި މެޗުތައް ކުޅުމަކީ ރާއްޖޭގެ ޓީމަށް އެންމެ އިންސާފުވެރިގޮތް ނޫންކަމަށް ބުނި ބުނުން ތަކުރާރުކޮށްފައެވ. އެގޮތުން ޓީމުން މާލޭގައި ކޭމްޕް ކުރަމުންދިޔަ ހޮޓެލް ޖެންގެ ބޯލް ރޫމުގައި ބޭއްވި ފަރިތަކުރުންތަކާއި ދުބާއީ ގައި ދަނޑެއްގައި 11 ޕްރެކްޓިސް ސެޝަން ކުރިއަށް ގެންދިއުމުގެ އިތުރުން އިތުރު ފަރިތަކުރުމެއް ރާއްޖޭގައި ބޭއްވިފައި ނުވާކަން ކޯޗު ފާހަގަކުރިއެވެ.

އެހެންނަމަވެސް ކުރިއަށް އޮތް މުހިންމު މެޗަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަ ކަމަށާއި ދަތިތަކެއް ހުރިނަމަވެސް އަމާޒަކީ މޮޅު ފުޓުބޯޅައެއް ކުޅެ ރީތި ގޭމެއް ކުޅުންކަމަށް ކޯޗު ވަނީ ބުނެފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު ކޮލިފައިންގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ރާއްޖެއިން ޗައިނާ އާއި ދެކޮޅަށް ނުކުންނާނީ އަވޭ މެޗެއްގައެވެ. ގަލޮޅު ދަނޑުގައި ކުޅުނު ރާއްޖޭގެ ހޯމް މެޗުގައި ޗައިނާއިން ރާއްޖެ އަތްދަށުކުރީ 0-5 ގެ ނަތީޖާ އަކުންނެވެ. ކޮލިފައިންގ ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހު ފިލިޕީންސް އާއި ދެކޮޅަށެވެ.

ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ހުރިހާ މެޗެއް ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ބުރުގައި ބާކީ ދެ މެޗު އޮތްއިރު ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ސީރިއާއެވެ. ހަ މެޗުން 13 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ހަތް މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.