އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި ދާދިފަހުން ގޯލް ޖެހުމުގެ ރެކޯޑުގެ އައު ޝަރަފެއް ހޯދާފައިވާ ސުނިލް ޗެތްރީގެ ކެރިއަރުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ރާއްޖެ އާއި ޓައިވާން އާއި ދެކޮޅަށެވެ.

ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ބަންގްލަދޭޝް އާއި ދެކޮޅަށްކުޅެ އިންޑިއާ މޮޅުވި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޗެތްރީ ވަނީ ކެރިއަރުގައި އިންޑިއާގެ ގައުމީ ޓީމަށް ޖުމްލަ 74 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގައި މިހާރުވެސް ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިން ނުވަތަ އެކްޓިވް ޕްލެޔާސްގެ ތެރެއިން ބައިނަލްއަގްވާމީ މެޗުތަކުގައި އަމިއްލަ ގައުމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ހޯދާފައެވެ.

މިހާރުވެސް ފުޓުބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކީ އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ މިހާތަނަށް ޖުމްލަ 104 ލަނޑު ކާމިޔާބުކޮށްފައެވެ. ޗެތްރީ އަށް މި ލިސްޓުގެ ދެވަނަ ލިބޭއިރު ތިންވަނަ ލިބެނީ މަބްޙޫތް އަށެވެ. ހަތަރުވަނައިގައި އޮތީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ބާސެލޯނާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިހާތަނަށް މެސީ އާޖެންޓީނާގެ ޖާޒީގައި ޖަހާފައިވާ ލަނޑުގެ އަދަދަކީ 72 އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ސައުތް އޭޝިއާ ސަރަހައްދުގެވެސް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އަށް މި ލިސްޓުގައި ލިބެނީ 12 ވަނައެވެ. އަޝްފާގް ވަނި މިހާތަނަށް ގައުމީ ޖާޒީގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ.

އިންޑިއާގެ ތަރި ސުނިލް ޗެތްރީ މި ޝަރަފު ހޯދާފައިވާއިރު، ތަފާސްހިސާބުން ދައްކާގޮތުގައި އޭނާ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ރާއްޖެ އާއި ޗައިނީޒް ޓައިޕެއި (ޓައިވާން) އާއި ދެކޮޅަށެވެ. އެގޮތުން އޭނާ ވަނީ މި ދެ ގައުމާއި ދެކޮޅަށްވެސް ކުޅުނު 5 މެޗުން ކޮންމެ ޓީމެއް ކޮޅަށް ހަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ ޗެތްރީ 5 ލަނޑު ޖަހާފައިވާ ނޭޕާލް އެވެ. ނޭޕާލް އާއި ދެކޮޅަށް ޗެތްރީ 8 މެޗު ކުޅެފައިވާއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އޭނާ އެންމެ ގިނައިން ދެކޮޅަށް ކުޅެފައިވަނީވެސް އެ ގައުމާއި ދެކޮޅަށެވެ.

ޗެތްރީގެ ކެރިއަރަށް ބަލާލާއިރު އުމުރުން 34 އަހަރުގެ ފޯވާޑުގެ ކޮންވާޝަން ރޭޓު އެންމެ ރަނގަޅީ ވިއެޓްނާމް އާއި ދެކޮޅަށެވެ. އެގޮތުން އެ ގައުމާއި ދެކޮޅަށް ކުޅުނު ހަމައެކަނި މެޗުގައި ޗެތްރީ ވަނީ 3 ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މި ސަރަހައްދުގައި ޗެތްރީ އަށް އެންމެ މަދުން ލަނޑު ޖެހިފައިވަނީ ނޯތު ކޮރެއާ އާއި ދެކޮޅަށެވެ. އެގޮތުން ކޮރެއާ އާއި ދެކޮޅަށް ކުޅުނު ދެ މެޗުން އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ.