ޔަމަނަށް ދެމުންގެންދިޔަ ވައިގެ ހަމަލާތައް ހުއްޓާލައިފި ކަމަށް، ޔަމަނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ހިންގުމަށް ސައުދީ އަރަބިއްޔާ އިސްވެއޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން އިއުލާންކޮށްފިއެވެ.

ޔަމަނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލި ސަބަބެއް ކަމަށް އަރަބި ކޯލިޝަނުން ބުނީ، ޔަމަނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަގުކޮށައި އަލިކުރުމަށް ފުރުސަތުތައް ފަހިކުރުމެވެ.

ސައުދީ ރަސްމީ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި، ޔަމަނަށް ހަމަލާ ދެމުންގެންދާ ކޯލިޝަންގެ ތަރުޖަމާނު، ސައުދީ އަރަބިއްޔާގެ ކާނަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، ހަމަލާތައް ހުއްޓާލީ، ޔަމަނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބޭނުންވާ ސިޔާސީ މަގު ހެދުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

ޔަމަނުގެ ވެރިރަށް ސަންއާއާއި، ޔަމަނުގެ ބިމުގެ ބޮޑުބައެއް ހިފައި، ހޫޘީން ވެރިކަން ކުރަމުން އަންނައިރު، ސަންއާގައި ހުންނަ ހޫޘީންގެ އަސްކަރީ މަގާމަކަށް ބުރާސްފަތި ދުވަހުވެސް ކޯލިޝަނުން ވަރުގަދަ ހަމަލާއެއް ދިންކަމުގެ ރިޕޯޓް ފެތުރިފައި ވެއެވެ.

ނަމަވެސް، ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލްމާލިކީ ވިދާޅުވީ، ކޯލިޝަނުން މިފަހުން ސަންއާއަށް އަދި ޔަމަނުގެ އެހެން ތާކަށްވެސް އެއްވެސް ހަމަލާއެއް ނުދޭ ކަމަށެވެ.

ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިކަމުގައި ހުންނެވި އާބިދުރައްބު މަންސޫރު ހާދީގެ ސަރުކާރު 2014 ވަނަ އަހަރު ވައްޓާލައި، ޔަމަނުގެ ވެރިރަށް ސަންއާގެ އިތުރުން ޔަމަނުގެ ބޮޑުބައެއް ހިފުމުން، ހާދީއާއި އޭނާގެ ސަރުކާރުގެ ވެރިން ފިލައިގެންދިޔައީ ޖެހިގެންއޮތް ސައުދީ އަރަބިއްޔާއަށެވެ

ހޫޘިން ބަލިކޮށް ޔަމަނުން ފައްސާނަގާލައި، މަންސޫރު ހާދީގެ ސަރުކާރު އަލުން ގާއިމްކުރުމަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އަރަބި ބައެއް ގައުމުތަކުގެ އަސްކަރިއްޔާ ގުޅިގެން ކޯލިޝަނެއް ހަދައިގެން ޔަމަނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށީ ޖެހިގެން އައި 2015 ވަނަ އަހަރުގެ މާޗްމަހުން ފެށިގެންނެވެ.

ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އަސްކަރީ އޮޕަރޭޝަން ފެށިތާ ހަ އަހަރަށްވުރެ ގިނަދުވަސް ވެގެންދިޔަ އިރުވެސް، އަރަބި ކޯލިޝަނަށް ހޫޘީން ބައްޔެއް ނުކުރެވުނެވެ. އެމީހުން ޔަމަނުން ފައްސައެއްވެސް ނުލެވުނެވެ.

ރައްދުގައި ސައުދީ އަރަބިއްޔާގެ އެންމެ އެތެރެއަށްވެސް ހޫޘީންގެ މިސައިލާއި ރޮކެޓާއި ޑްރޯން ހަމަލާތައް ދިޔައީ އަމާޒުވަމުންނެވެ.

ސައުދީ، ޔޫއޭއީ އެންމެ އިސްކޮށްއޮތް އަރަބި ކޯލިޝަނުން ޔަމަނަށް ދިން ވަރުގަދަ ހަމަލާތަކުގައި، ޔަމަނުގެ އެތައްހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ގެދޮރުނެތި މަގުމަތިވެ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފައި ވާއިރު، މުޅި ގައުމު ވަނީ ސުންނާފަތި ކޮށްލާފައެވެ.

ގައުމުގައި ތިބި އެތައްމިލިއަން ނިކަމެތި އާންމުން ދަނީ ބަނޑަށް މަރުވަމުންނެވެ. 30 މިލިއަން މީހުންގެ އާބާދީއެއް އޮތް ޔަމަނުގެ މުޅި އާބާދީގެ ތިންބައިކުޅަ ދެބައިމީހުން ދިރިދުނިޔޭގައި ތިބުމަށް ކާއެތިކޮޅެއް ލިބުމަށް މިހާރު ބަރޯސާވަނީ ބޭރުން ލިބޭ އެހީއަށެވެ.

ޔަމާނުގެ ހާލަތު އދއިން ސިފަކުރަނީ ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު އިންސާނީ ކާރިސާގެގޮތުގައެވެ.

ޔަމަނުގެ ހަނގުރާމަ ހުއްޓުވައި، މައްސަލައަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމުގެ މަސައްކަތްތައް ބޮޑަށް އިތުރުވެގެން ދިޔައީ މިހަފްތާ ތެރޭގައެވެ.

ޔަމަނުގެ މައްސަލައަށް އދއިން ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު މާޓިން ގްރިފްތްސް ވަނީ އީރާނަށް ވަޑައިގެން އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. ޔަމަނުގެ ހޫޘީންނަށް ވާގިދެނީ އީރާނުންނެވެ.

އުމާންގެ އޮފިޝަލުންވަނީ، މިމަހުގެ ކުރީކޮޅު ސަންއާއަށް ވަޑައިގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ހިތްވަރުދީ ވާހަކަ ދައްކާފައެވެ.

އެއަށްފަހު އުމާންގެ ޚާރިޖީ ވަޒީރު ބަދުރް އަލްބުސައިދީ ބުދަދުވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.

އަނެއްކޮޅުން، ސަންއާ އެއަރޕޯޓް ކައިރީގައިވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ހުޘީން ފަށާފައިވާ ކަމުގެ ރިޕޯޓްތައްވެސް ޔަމަންގެ އެތެރެއިން ލިބެމުންދެއެވެ.

ސައުދީ އަރަބިއްޔާއިން އޮންނަނީ 2015 ވަނަ އަހަރުން ފެށިގެން ވައިގެމަގުން ޔަމަން ބަންދުކޮށްފައެވެ. އެހެންވެ، ޔަމަންގެ އެއްވެސް އެއަރޕޯޓެއް ހޫޘީންނަކަށް ބޭނުމެއް ނުކުރެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމެއް ވުމުގެކުރިން ވައިގެ މަގު ބަންދުކޮށްފައި އޮތްއޮތުން ހުޅުވާލުމަކީ ހޫޘީން އަބަދުވެސް ކުރަމުންދިޔަ ޑިމާންޑެކެވެ.

ޔަމަނަށް ހަމަލާދިނުން ހުއްޓާލަން ނިންމިކަން ސައުދީން އިއުލާން ކުރިއިރު، ސައުދީ އަރަބިއްޔާއާއި، ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލުކުރި މަންސޫރު ހާދީގެ ސަރުކާރުގެ ބާރުގެ ދަށުގައި އެންމެފަހުން އޮތް ރަށްވެސް ހޫޘީންވަނީ ހަނގުރާމަކޮށްގެން ހިފާފައެވެ.

އެހެންވެ، ޔަމަނު ހަނގުރާމައިން އަތްދޫކޮށްލާނެ މަގެއް ފެނޭތޯ ސައުދީ އަރަބިއްޔާއިން ބަލަމުންދާ ކަމަށް މީގެކުރިން ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.