މިއަހަރުގެ މިހާތަނަށް 460،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މިމަހު 15،559 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ނިމިދިޔަ މެއި މަހު 64،613 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އޭޕްރިލް މަހު 91،200 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މާޗް މަހު 109،585 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފެބްރުއަރީ މަހު 96،882 ފަތުރުވެރިން އަދި ޖެނުއަރީ މަހު 92،103 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް 469،942 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ރެކޯޑު ކުރެވިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ މާކެޓުން ކަމަށެވެ. ރަޝިއާއިން 111،628 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އިންޑިއާ މާކެޓުން 89،499 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުން 25،935 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މި ތިން މާކެޓު ފިޔަވައި މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި 10 މާކެޓުގެ ތެރޭގައި ހިމެނެނީ ޔޫކްރެއިން، ކަޒްކްސްތާނު، ޔޫއެސްއޭ، ޔުނައިޓެޑް ކިންގްޑަމް، ރޮމޭނިއާ، ފްރާންސް އަދި ސީޒެކް ރިޕަބްލިކްއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ އީސްޓާން ޔޫރަޕްގެ ގައުމުތަކާއި، ސައުތު އޭޝިއާގެ ގައުމުތަކުގެ އިތުރުން އެފްރިކާ ސަރަހައްދުގެ ގައުމުތަކުން، ކޮވިޑްގެ ހާލަތުގެ ކުރިން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް މިހާރު ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ކަމަށެވެ.

އީސްޓް މެޑިޓަރޭނިއަން ޔޫރަޕުގެ ގައުމުތަކާއި، މިޑްލް އީސްޓްގެ ގައުމުތަކާއި، އެމެރިކާ އަދި ޔޫރަޕުން ވެސް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ޓުއަރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން ޖުމްލަ 730 ތަނެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާކަމަށާއި، މި ތަންތަނުގައި 47،474 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި 154 ރިސޯތެއްގައި 35،640 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށާއި، 437 ހޮޓެލް އަދި ގެސްޓްހައުސްގައި 9،108 އެނދު އޮޕަރޭޓްކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި 139 ސަފާރީއެއްގައި 2،726 އެނދު އޮޕަރޭޓްކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން 30 އެއާލައިނަކުން މިވަގުތު ރާއްޖެއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.