ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް ބަލީގައި ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ ނިޔާވީ މިއަދު ހެނދުނު 07:05 ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއީ ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ.

މި މަރާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 192 އަށް އަރާފައެވެ.

ބުރަސްފަތި ދުވަހު ކޮވިޑް ބަލީގައި އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އެހެންނަމަވެސް ބުދަ ދުވަހު ކޮވިޑް ބަލީގައި 2 މީހަކު ނިޔާވެފައިވެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނަކު ބުދަ ދުވަހު ނިޔާވެފައިވެއެވެ.

އެޗްޕިއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުން ކޮވިޑް-19 އަށް 323 މީހަކު ވަނީ އަލަސް ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 163 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 143 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 9 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 8 މީހަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

އަލަށް ޕޮޒިޓިވްވި 323 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 69،536 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 14،281 ގައެވެ. މީގެތެރެއިން 115 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.