ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބޮޑުވަރުވާ މީހުންނަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ، ހުޅުމާލޭ މެޑިކަލް ފެސިލިޓީން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.

އެޗްއާރުސީއެމުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އެޗްއެމްއެފަށް ޒިޔާރަތްކުރުމަށް ފަހު އިދާރާތަކަށް ހުށަހަޅަހާފައިވާ ކަންކަން ފުރިހަމަވެފައިވާ މިންވަރު ސާފުކުރުމަށް ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗާއި އެޗްއެމްއެފުގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއެކު އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ބައްދަލުވުމަށްފަހު އެޗްއާރްސީއެމް އިން ބުނީ ބައްދަލުވުމުގައި ލިބިފައިވާ މައުލޫމާތަށް އެޗްއެމްއެފްގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިދުމަތް ދިނުމަށްޓަކައި ފެސިލިޓީގައި ހަރަކާާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާކަމާއި ބަލި މީހުން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ސިއްހީ ހިދުމަތް ދޭ އިތުރު މަރުކަޒުތަކުގައި ބަލިމީހުން ޓްރިއޭޖް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުން ހިމެނޭ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން އެޗްއާރުސީއެމުން ބުނީ މުވައްޒަފުން އިތުރުވުމުގެ ސަބަބުން އެޗްއެމްއެފްގައި އެނދުމަތިކޮށް ފަރުވާދޭ ބަލި މީހުންގެ ކަންތައްތައް ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަންވެސް އެނގިފައިވާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ކުރި ޒިޔާރާތައް ފަހު އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެނދުމަތިކޮށްގެން ސިއްހީ ގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ޤާއިމުކޮށްފައިވާ ތަނަކަށްވާއިރު، ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު އެމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފެސިލިޓީއަށް ގެންދާ ބަލިމީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވުމާއި، ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން، އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް، ތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.