ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުގެ ކަންކަން ބަލައި ފާރަވެރިވުމަށް ނިންމައި، "މެއި 6"ގެ ނަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ކޮމިޓީއެއް އުފައްދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހިންގާ ތަހުގީގު ކުރިއަށްދާގޮތް ބަލައި ފާރަވެރިވުމަށް ޚާއްސަ ކޮމިޓީއެއް އުފެއްދުމުގެ ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ.

މި ގަރާރަށް މަކުނުދޫ ދާއިރާގެ ރައީސް ތާއީދުކުރައްވާފައިވާއިރު، މި ގަރާރު ފާސްވެފައިވަނީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 100 މެމްބަރުންގެ އިއްތިފާގުންނެވެ.

"މެއި 6" ގެ ނަމުގައި އުފެއްދި މި ކޮމިޓީގައ ހިމެނިވަޑައިގަންނަވަނީ ރައީސް ނަޝީދު ކަނޑައަޅުއްވާ ބޭފުޅަކާއި، ވިލުފުށީ ދާއިޜާރާގެ މެމްބަރު ހަސަން އަފީފާއި، ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހީމް މުއިއްޒުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް އެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން މި ކޮމިޓީއަށް އަދި ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެއެވެ.

މި ކޮމިޓީ އުފެއްދުމަށް ހުށަހެޅި ގަރާރުގައި ހިމަނާފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށްދާ ތަހުގީގުތަކާއި، ކުރާ މަސައްކަތްތަކަށް ގާތުން ބަލައި ފާރަވެރިވުމަށެވެ.

ކޮމިޓީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު މަދުވެގެން ހަފްތާއަކު އެއްފަހަރު އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާކުރަން ހުށަހެޅުމުން، މި ހުށަހެޅުންވެސް ރޭ ބޭއްވި ގައުމީ މަޖިލީހުގައި ވަނީ ފާސްވެފައެވެ. މި ހުށަހެޅުން ފާސްވީ 96 މެމްބަރުންގެ ވޯޓުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅިގެން މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، މި ހަމަލާއާއި ގުޅިގެން 5 މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން މި ހަމަލާ ހިނގުމަށް ދިމާވި ސަބަބުތައް ދެނެގަތުމަށާއި، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ފަށާފައެވެ.

މީގެ އިތުރުން ސަލާމަަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމުގެ މަސައްކަތް ރައީސް އޮފީހުން ވަނީ ފަށާފައެވެ.