ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން މާތް ﷲ ލައްވާފައި ވަނީ، އިލާހީ މަތިވެރި ހިކުމަތަކަށްޓަކައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

"ބަލިމަޑުކަމުގެ ހާލަތުގައި މުސްލިމުން އަމަލުކުރަންވީ ގޮތް" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ ދުނިޔެމަތީގައި އިންސާނާ ހިތްނޭދޭ ކަންކަން މާތް ﷲ ލައްވަނީ ކަލާނގެ ޢަދުލުވެރި އިމްތިޙާނުގެ ތެރެއިން ކަމަށެވެ. އަދި މިފަދަ ކަންކަން ލައްވާފައިވަނީ އިލާހީ މަތިވެރި ހިކުމަތަކަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުސްލިމުންގެ މައްޗަށް ވަނީ މިފަދަ ކަންކަމުން އިބުރަތް ހާސިލުކުރުން ކަމަށާއި، މިފަދަ ކަންކަން ބަލައިގަންނަން ވާނީ އޭނާ ޣާފިލުކަމުގެ ނިދިން ހޭލައްވާލުމެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހެޔޮ އަމަލުތައް ގިނަކޮށް ނުބައި ކަންކަމުން ދުރުހެލިވެ، މާތް ﷲ އަށް ކުއްތަންވުމަށް މަގުފަހިކޮށްދޭ ވަސީލަތެއްގެ ގޮތުގައާއި، މަރުމަތިން ހަނދާންކޮށް، ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުސޫބާތެއްގެ ހާލަތެއްގައި އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ސިއްހީ ފިޔަވަޅުތަކާއި، ދީނީ އިރުޝާދުތައް ދެނެގަންނަންޖެހޭ ކަމަށެވެ. މިފަދަ ވަގުތުތަކުގައި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަން ވެސް ހިތްމައްޗަށް ގެންނަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ހަމަ ކަށަވަރުން ﷲ ތަޢާލާ އެ ބަލި މަޑުކަން ލައްވާފައި ވަނީ، މުއުމިނުންނަށް ރަޙްމަތެއް ކަމުގައެވެ. ޞައްޙަ ޙަދީޘުން ވާރިދުވެފައި ވެއެވެ. މުސްލިމާ ގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ ގޮތެއްގައި މެނުވީ، އޭނާއަށް ވަރުބަލިކަމެއް، ބަލިމަޑުކަމެއް، ކަންބޮޑުވުމެއް، ހިތްދަތިކަމެއް، ހާސްވުމެއް، އުނދަގުލެއް، އަދި ހެރޭ ކައްޓެއްގެ މިންވަރު ވިޔަސް މެދުވެރި ނުވެތެވެ. ﷲ ގެ ރަޙްމަތުގެ ތަނަވަސްކަން ނިކަން ބަލާށެވެ! ބޭރުފުށުން އެއީ އަޅުގަނޑުމެންނަށްޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެކަމަކު އޭގެ ނަތީޖާ އަކީ ފުއްސެވުމާއި ރުއްސެވުމެވެ.
ހުކުރު ޚުތުބާ

ދުނިޔޭގެ ޙާލަތު ތާއަބަދު އެއްގައިގޮތެއި ދެމި ނޯންނާނެކަން އަޅުގަނޑުގެން ދަންނަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ދަތިކަމަކަށް ފަހު ފަސޭހަކަމެއް އަންނާނެ ކަމާއި، ތަދުމަޑުކަމަކަށް ފަހު ތިޔާގި ކަމެއް އަންނާނެ ކަމާއި މިއީ ދުނިޔޭގައި ކަން ހިނގާ ގޮތްކަން ދަންނަންޖެހޭކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ދުނިތެމަތީގައި ނޭދޭ ކަންކަން ތަޙައްމަލް ކުރަން ނުޖެހޭ ބަޔަކު ނޫޅޭކަން ވެސް ހަނދާނަށް ގެންނަންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ﷲ މިންވަރުކުރެއްވި ކަމެއް މެނުވީ، ކުރިމަތި ނުވާނެކަން، ހިތުގެ އަޑިން ޤަބޫލުކޮށް، ﷲ އާ ވަކީލުކޮށް، ޘަވާބާއި ދަރުމައަށް އެދޭ ހާލު، ކެތްތެރިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.