ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ގެކޮޅުގެ ޒާތީ މައުލޫމާތު މީޑިއާއަށް ހާމަކުރި ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު މީކާއިލް ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ގެކޮޅުގެ ޒާތީ މައުލޫމާތު މީޑިއާއަށް ހާމަކުރި ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އަދި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗް ވުމަކީވެސް ލަދުވެތި ކަމެއް ކަމަށެވެ.

މިއަދު މިއޮތީ އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަކީވެސް އެމްޑީޕީ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުލަތުގެ ބާރުތައް ކޮންޓްރޯލް ކުރަން އެމްޑީޕީ އޮވެމެ މިފަދަ ލަދުވެތި ކަމެއް ހިނގައި ދިޔުމަކީ އެމްޑީޕީން އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިންގަމުންދާ އިންކުއަރީ އާއި ގުޅޭގޮތުންވެސް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން މެމްބަރު ވަނީ އެމްއެންޑީއެފުން ނެރުނު ބަޔާނަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ބަޔާނެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްއެންޑީއެފުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ބުނެފައިވަނިކޮށް އެ މުއައްސަސާއިން ހާމަކުރި މައުލޫމާތުން އަޅުގަނޑަށް ހަމަ ގައިމުވެސް ސާފުވަނީ ޖަވާބުދާރީ ވާނަމޭ އެހެންނަމަވެސް ޖަވާބުދާރީ ވާނީ ތިމަންނާމެން ބޭނުންވާ މިންވަރަށޭ. މިހުންނަނީ ލަދުވެތި ކަންކަން. އަޅުގަނޑުމެންނަކީ ހާމަ ކަމަށް ލޯބި ކުރާ ޕާޓީއެއް. އެހެންނަމަވެސް މަޖިލީހުގެ ތެރެއިންވެސް އެކިއެކި ކޮމެޓީތަކުންވެސް ކަންކަން ސިއްރުކުރަން ހިފާލާ ހިފާލުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ތަހުގީގަށް އެޅިގެންދާނެ ހުރަހެއް."
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

އެމްޑީޕީ ވުޖޫދަށް އައީވެސް އަދި ދެމިއޮންނަނީވެސް ހަމައެކަނި އިންތިޚާބުތައް ކާމިޔާބުކުރުމަށް ނޫންކަން ފާހަގަކުރައްމާ މީކާއިލް ވިދާޅުވީ އިންތިޚާބުތަކުން ކާމިޔާބު ހޯދައިގެން ޕާޓީގެ ބަޔަކަށް މަގާމުތަކެއް ބަހާކަށްވެސް ނޫން ކަމަށެވެ.

އެމްޑީޕީ ދެމިއޮންނަނީ ދިވެހި ރާއްޖޭގެ ދައުލަތުގެ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތައް އެ މީހުންނަށް ކަށަވަރުވާކަން އިހުސާސްވާތީ ކަމަށާއި ޕާޓީގެ އެންމެ އަސާސީ ސިފައަކީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމްކޮށް ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެއް އަސާސަކީ ދިރިހުރުމުގެ ހައްގުކަން ފާހަގަކުރައްވާ މެމްބަރު ވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ހާދިސާއިން ސުވާލު އުފެދެނީ ރައްޔިތުންނަށް ދިރިހުމުގެ ހައްގުތައް ކަށަވަރުކޮށްދެވޭތޯ ސުވާލު އުފައްދަވާފައެވެ.

އަދި ރައީސް ނަޝީދަށް ދިން ހަމަލާއަކީ ހަމައެކަނި އެމަނިކުފާނާއި ގުޅުން ހުރި ހާދިސާއެއް ނޫން ކަމަށާއި މި ހާދިސާއަކީ މުޅި ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

8 ސެޕްޓެމްބަރު 2019ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ މެމްބަރުންގެ އަރިހުގައި ވިދާޅުވި ތިމަން މަނިކުފާނަށް ދިވެހި ރާއްޖޭގެ ފުލުހުންގެ ތެރެއިން ބަޔަކު މީހުން ފާރަލަމުންގެންދާ ކަން ސަލާމަތީ ބާރުތަކުގެ ތެރެއިން ބަޔަކު ތިމަން މަނިކުފާނަށް އަންގައިފިއޭ. އެހެންނަމަވެސް އެ ދުވަހުވެސް އެކަން ސީރިއަސްކޮށް ނެގީ ކާކުތޯ؟ ކޮން މުއައްސަސާއަކުންތޯ؟ ސަރުކާރުންވެސް އެކަމަކަށް ސަމާލުކަމެއް ދެއްވި ތަނެއް އަޅުގަނޑަކަށް ހަމަޔަގީނުންވެސް ނުފެނޭ."
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ރޭގެ މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ މާލޭގެ އެންމެ ކާރުބޮޑު މަގު ކަމަށްވާ، މަޖީދީމަގުގައި ބޮމެއް ގޮއްވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި މިއީ ރައްޔިތުންނަށް ބިރުވެރި ކަމެއް ކަމަށެވެ.

އަދި މިއީ ހަމައެކަނި ނަޝީދަށް ދެވުނު ހަމަލާއެއްގެ ގޮތުގައި މިކަން ބަލައިގަނެގެން ކުރިއަށް ދެވެން ނެތްކަން ފާހަގަ ކުރައްވާ މެމްބަރު އަފީފް ވިދާޅުވީ އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންސަކަށް ރާއްޖެ ވާން ބޭނުން ނުވާ ކަމަށެވެ.

އެފަދަ އަމަލުތައް މި ރާއްޖޭގައި ހިންގުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއްނޫން. އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އޮވެދާނެ. މިކަންތައްތައް މިހާ ހިސާބަށް މިއައީ އަޅުގަނޑުމެންގެ ތެރޭގައި ކުރަން ހުރި ކަންތައްތަކަށް ފަރުވާ ކުޑަކުރެވުމުން."
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުންމިނަށް ގޮސް މިކަން ރޭވި މީހުންނާއި، މިކަމުގައި ބައިވެރިވި މީހުން އަދި މިކަމަށް ފަންޑު ކުރި މީހުން ހޯދަންޖެހޭ ކަމަށްވެސް މެމްބަރު ހަސަން އަފީފް ވަނީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.