ރުއްގަސް ނެގުމާއި، ކޮނެގެން ނެގުމާއި އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބިގެން ކަމަށް އެ އެޖެންސީން ބުނެފިއެވެ.

އީޕީއޭއިން ބުނީ މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދިޔުމަށް އެކި ފަރާތްތަކުން އެ އެޖެންސީގައި އެދެމުންދާތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ " ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެނދިޔުމާއި ބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ)ގެ ދަށުން މިކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށެވެ.

އެހެންނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިޢާޔަތްކޮށް ގަވާއިދާ ޚިލާފަށް ގިނަ ފަރާތްތަކުން މި މަސައްކަތް ކުރަމުންގެންދާކަން އެ އެޖެންސީއަށް ވަނީ ފާހަގަކުރެވިފައި ކަމަށާއި އެހެންކަމުން ރުއްގަސް ނެގޭނީ ކައުންސިލުގެ ހުއްދައިގެ އިތުރަށް އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްގީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލުތަކުން ޔަގީން ކުރުމަށްވެސް އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދިފައެވެ.

އެގޮތުން އީޕީއޭއިން ބެލުމަށް އެދިފައިވަނީ އެމަޝްރޫޢުއަކަށް ދޫކޮށްފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދައާއި ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދުގެ އިތުރަށް ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިނުގެ އިތުރަށް ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުމަށެވެ.

މި ހުއްދަތައް މަސައްކަތްކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަންޖެހޭ ކަމަށް އީޕީއޭއިން ބުނެއެވެ.

އަދި މިލިޔެކިޔުންތައް މިގޮތަށް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި އީޕީއޭއިން ހުއްޓުވައި ފިޔަވަޅުއަޅާނެ ކަމަށްވެސް އެންވަޔަރަަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.