ފާއިތުވެދިޔަ މަހެއްހައި ދުވަސް ނުވަތަ ދޮޅުމަސްދުވަހު އިވެމުންދިޔަ އެއް އަޑަކީ ފަލަޞްޠީނުގެ އާ އިންތިފާދާއެއް ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. އަދި "އިންތިފާދާ ޔުނިޓީ" ނުވަތަ އެއްބައިވަންތަ ތެދުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. ސަބަބަކީ މި އާ އިންތިފާދާއަކީ އިސްތިޢުމާރު ކޮށްފައިވާ ފަލަޞްޠީނުގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެއްބައިވަންތަކަން ގެނުވި ކަމެކެވެ. އެކަން ދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ. އިޒުރޭލުގެ އިސްތިއުމާރާއި ދެކޮޅަށް އެމީހުން ތެދުވެ އިސްތިޢުމާރީންގެ ވަޒަންވެރިކަމާއި ދެކޮޅަށް އެމީހުންދަނީ އިޙުތިޖާޖުތައް ކުރަމުންނެވެ. ފަލަޞްޠީނުގެ އެކި ހިސާބުތަކުންނެވެ. އަލްޤުދުސުން ޣައްޒާއާއި ހިސާބަށް އަޑު އުފުލެމުންނެވެ.

މި އާ އެއްބައިވަންތަ ހޭލުމުގެ ގުގުން ބޮޑުވާންފެށީ ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަޞްޠީނުގެ ޢާއިލާތަކެއް އެމީހުންގެ ގެދޮރުން ބޭރުކުރުމަށް ފަލަޞްޠީނުގައި ވެރިކަން ކުރުމަށް މަސައްކަތްކުރާ އިޒުރޭލުގެ ސަރުކާރުން ގަދަބާރު ދައްކަން އުޅުމުންނެވެ. މިތަނަކީ އިޒުރޭލުން އިސްތިޢުމާރު ކޮށްފައިވާ ނުވަތަ ހިފައިވާ ޤުދުސްގެ އިރުމަތީބައިގާ އޮންނަ އަވަށެކެވެ.

ޝައިޚް ޖައްރާޙުގައި ދިރިއުޅެމުންދާ ފަލަޞްޠީނުގެ ވަޒަންވެރީންނާއި ފަލަޞްޠީނުގެ އެހެނިހެން މުޖުތަމަޢުތަށް އެމީހުންގެ ގެދޮރުން ބޭރުކުރަން އިޒުރޭލު އުޅޭތާ ޒަމާންތަކެއްވަނީ ވެފައެވެ. ކޮންމެ ދުވަހެއް ފެށިގެންއަންނަނީ ނިމިގެންދަނީ އިޒުރޭލުން އެމީހުންގެ ކުރިމައްޗަށް މި ބިރު ގެންނަމުންނެވެ. އެހެންވީމާ އެމީހުން އިޒުރޭލުގެ އިސްތިޢުމާރާއި އެމީހުންގެ ވަޒަން ޔަހޫދީންގެ ވަޒަނަކަށް ހަދައި ގެދޮރު އެޅުމަށް ކުރާ މަސައްކަތަކާ ދެކޮޅަށް ޤާނޫނީ ހަނގުރާމައެއްވެސް ކުރަމުންނެވެ. ނުވަތަ އިތުރު ޔަހޫދީންނަށް ގެދޮރު ބިނާކޮށްދިނުން މަދުކުރުމަށް ކުރެވެން ހުރި މަސައކަތްތައް ކުރަމުންނެވެ.

މިއީވެސް ޒަމާންވީ ދިގު ހަނގުރާމައެކެވެ. ސަބަބަކީ މުޅި ޤުދުސަކީ ޔަހޫދީ ތަނަކަށް ހެދުމަށް އިޒުރޭލުން ޤަޞްދުކޮށް ފަލަޞްޠީނުގެ ނަސްލު އެތަނުން ނައްތައިލުމަށް އިޒުރޭލުން މަސައްކަތްކުރަމުން ދިއުމެވެ.

އިޒުރޭލުގެ ކޯޓުތަކުން ޝައިޚް ޖައްރާޙުގެ 8 ގޭބިސީއެއް އެމީހުންގެ ބިމުގެ މިލްކުވެރިކަމުން ވަކިކުރުމަށް އުޅުނު މައްސަލަ 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު ފަލަޞްޠީނުގެ ރައްޔިތުން އަލްޤުދުސްގެ ސަރަޙައްދީ ކޯޓަށް ހުށަހެޅުމުން އެކޯޓުން މި 8 ޢާއިލާގެ އިލްތިމާސް އަނބުރައި ރައްދުކޮށްފައިވެއެވެ. އަދި އެމީހުނަށް އަމުރު ކޮށްފައިވަނީ 20121 ވަނަ އަހަރުގެ މޭމަހުގެ 2 ވަނަ ދުވަހާއި ހަމައަށްނޫނީ އެމީހުނަށް އެތާނގައި ނުތިބެވޭނެ ކަމުގައެވެ.

ކޯޓުގެ މިއަމުރު ޤަބޫލުނުކޮށް އެ ޢާއިލާތަކުން ފެށީ ވަރަށް އަޒުމުހުރި ކެމްޕެއިނެކެވެ. މީހުންގެ ތެރެއަށް ފާޅުވެފައި ނުވާ އާންމު ރައްޔިތުންގެ މި ޢައިލާތަކުން ފެށި ކެމްޕޭނަކީ ވަޒަންވެރީންނާއި ވަޠަނީން އިސްތިޢުމާރީންގެ އަތުން ނެތިކޮށްލުމާ ދެކޮޅު ކެމްޕޭނެކެވެ. އާދައިގެ އެންމެ ޢާންމު އަސާސީ ބިންގަލަކުން ޝައިޚް ޖައްރާޙު ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ކެމްޕެއިނެވެ. މި ކެމްޕޭން ފެށީ އަދި ކުރިއަށް ގެނދިއުމުގައި އިސްވެ ޙަރަކާތްތެރިވަނީ އެ މުޖުތަމައުގެ މެމްބަރުންނެވެ. ޚާއްޞަ ގޮތެއްގައި ނިބޫ ދެކުދީންކަމުގައިވާ މުޙައްމަދު އަލް ކުރުދު އާއި މުނާ އަލް ކުރުދުއެވެ.

މި ދެބެއިން ގެންދަނީ ޝައިޚް ޖައްރާޙުގައި ހިނގަމުންދާ ޙަޤީޤަތްތައް އެތާނގައި ތިބެގެން އެހެން މީހުނާ ޙިއްޞާ ކުރަމުންނެވެ. ފަލަޞްޠީނުގެ ރައްޔިތުންނަށް ގޮވައިލަމުންދަނީ އެތައް ލައްކަ ބައެއް އެމީހުންގެ ހަރަކާތްތައް ބަލަމުންގެންދާ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ޙަރަކާތަށް ނިކުތުމަށެވެ.

އެމީހުންގެ މި ހިތްވަރުން އެކަމަށް ތާއީދު ހޯދައިފައިވަނީ ހަމައެކަނި ފަލަޞްޠީނަކުންނެއް ނޫނެވެ. ބައިނަލްއަޤުވާމީ ސަމާލުކަންވެސް އެމީހުންވަނީ ހޯދައިފައެވެ. މި ކެމްޕޭން ވެގެން ގޮސްފައިވަނީ އިސްތިޢުމާރު ކޮށްފައިވާ ފަލަޞްޠީން އެއްބައިވަންތަކުރުވި ކެމްޕޭނަކަށެވެ. އެއް ހަށިގަނޑެއްގައިވާ ގުނަވަންތަކެއް ފަދައިންނެވެ. އެންމެ ގުނަވަނަކަށް ވާތަދު މުޅި ހަށިގަނޑު އިޙުސާސްކުރާ ފަދައިން ފަލަޞްޠީނު ރައްޔިތުން ގަދަބާރުން ގެދޮރުން ބޭރުކުރުމުން ކުރެވޭ އިޙުސާސްތަކުގެ ތަޖުރިބާއިންނެވެ.

އެހެން ނަމަވެސް ދިވެހީން ބޭނުންކުރާ މުޙާވިރާގައި ބުނާ ބުޅައު (ބުޅާ) ގޯނިން ބޭރުކުރީމާ ވާހެން ޝައިޚް ޖައްރާޙުގެ މި ކެމްޕޭނަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ގޯނިން ބުޅައު ބޭރުވިޔަ ނުދިނުމަށް މަސައްކަތަކެއް ފެށީއެވެ. ޝައިޚް ޖައްރާޙަށް ކުރިމަތިވެފައިވާ މައްސަލަތައް ސޯޝަލް މީޑިއާގެ ޒަރީޢާއިން ޙިއްޞާކުރާ މީހުންގެ ލިޔުންތައް ސެންސަރުކުރަން ފެށީއެވެ. އަދި އެމީހުންގެ އެކައުންޓުތައް ސެންސަރުކޮށް އެމީހުންގެ ހުރިހާ ލިޔުމެއް ސޯޝަލް މީޑއާގައި ދައުރުވިޔަ ނުދިނުމާއިއެކު ބައެއް އެކައުންޓުތައް ބޭނުންކކުރުމަށް ހުރަސްވެސް އެޅީއެވެ.

މުޙައްމަދު އަލް ކުރުދު ޝައިޚު ޖައްރާޙުގެ މައްސަލަތަކާއި ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓުތަކަކާއި ގުޅިގެން އިންސްޓަގްރާމުން އޭނާއަށް އިންޒާރުވެސް ދީފައިވާ ކަމަށްވަނީ ބުނެފައެވެ. އަދި އިޒުރޭލުގެ ވެރިކަމުގެ އަނިޔާވެރިކަމުގައި އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފުވަމުންގޮސް އޭނާގެ އެކައުންޓް މުޅީން ހުއްޓުވައިލާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ޔަޤީނުންވެސް މި ކަންކަމަކީ ނުވާނެކަމަށް އަންދާޒާ ކުރެވިފައިވާ ކަންކަމެއް ނޫނެވެ. ފޭސްބުކާއި ވަޓްސްއެޕް އަދި ޓުވިޓަރއާއި ޔޫޓިއުބަކީ ކުރީއްސުރެވެސް އިޒުރޭލުގެ ވެރިކަމާއިއެކު މަސައްކަތް ކުރަމުންއައި ޕްލެޓްފޯރމް ތަކެކެވެ. އަދި އެ ޕްލެޓްފޯރމްތަކުގެ ގިނަ ބައިވެރީން ވަނީ ފަލަޞްޠީނު ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަނެ އެމީހުންގެ ޚިޔާލުތައް ސެންސަރުވެސް ކޮށްފައެވެ.

ފަލަޞްޠީނުގެ ޙަރަކާތްތެރީންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭއިރު ދުނިޔޭގެ އެކިކަންކޮޅުތަކަށް ކާމިޔާބުކަމާއި އެކު އެމީހުންގެ ރިހުމުގެ އިޙުސާސް ކުރެވޭކަން މި ޕްލެޓްފޯރމްތަކަށް އެނގެއެވެ. އެހެންވީމާ އެމީހުން އެ ޕްލެޓްފޯރމްތަކުގެ ތެރެއިން އެހިސާބަށް ފޯރުމުގެ ކުރީން ސެންސަރުކުރެވި ނުވަތަ އެ ލިޔާ އެއްޗެއް ފާސްކުރެވެއެވެ.

ފާއިތުވެދިޔަ ދިހަވަރަކަށްއަހަރު ވެގެން ގޮސްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޙަރަކާތަށް މީހުން ނިކުތުމަށް ގޮވައިލާ ފަލަޞްޠީނު ރައްޔިތުންނަށް ޖެހިފައިވާ މުޞީބާތް ހާމަކުރަމުންގެންދާތީ އިޒުރޭލުގެ ވެރިކަމުން ފަލަޞްޠީނުގެ އެތަކެއް ރައްޔިތުން ހައްޔަރުކުރި އަހަރުތަކަކަށެވެ.

އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ޝައިޚް ޖައްރާޙު ޙިމާޔަތްކުރުމުގެ ކެމްޕޭން ސެންސަރު ކުރުމާއި އެ މުޖުތަމަޢަށް ކުރިމަތިވެފައިވާ ނާއިންޞާފު ރިޕޯރޓުކުރުން ހުއްޓުވުން ވަނީ ދަތިކަމަކަށްވެފައެވެ. ނަމަވެސް އިޒުރޭލުން ގެންދަނީ ފަލަޞްޠީނުގެ ބިމުގައި ތިބެގެން އެވާހަކަތައް ރިޕޯރޓުކުރާ ޖާރނަލިށްޓުންނަށް ގޯނާކޮށް، ގަނާކޮށް، ބިރުދައްކައި އެތައް ދުއްތުރާތަކެއް ދެމުންނެވެ. އަދި ޝައިޚު ޖައްރާޙުގައި ހުރެގެން އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގެ ރިޕޯރޓުކުރަން އުޅުމުގެ ތެރޭގައި އަލްޖަޒީރާގެ ޢަރަބި ޖާރނަލިސްޓެއް ކަމަށްވާ ޖިވާރާ ބަދޫރީ ވަރަށް އަނިޔާވެރިކޮށް ހައްޔަރުވެސް ކުރިއެވެ.

މިއީވެސް އާކަމެއްވެސް ނޫނެވެ. ފަލަޞްޠީނުގެ ބިމަށް ވެރިވެގަނެގެންތިބި ޔަހޫދީންގެ ވެރިކަމުން ފަލަސްޠީނުގެ ޙާލަތު ރިޕޯރޓުކުރާ މަދަނީ އަދި ބޭރުގެ ނޫސްވެރީން ތިބޭ ތަންތަނަށް ވަދެގަނެ ބާރުގެ ބޭނުންކޮށް ބިރުދެއްކުމާއި އަނިޔާވެރިކަން ދައްކަމުންދާތާ އަހަރުތަކެއްވެސްވަނީ ވެފައެވެ. އަދި އެންމެފަހުން އެމީހުން ފަލަޞްޠީނަށްދިން ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގައި ހުންނަ އަލްޖަޒީރާއާއި އެސޯސިއޭޓަޑް ޕްރެސް ހުންނަ އިމާރާތަށްވަނީ ބޮންއަޅައި އެތަން ހަލާކުކޮށްލައިފައެވެ.

ފަލަޞްޠީނުގެ ރައްޔިތުން ހަނުކޮށްލުމަށް އިޒުރޭލުން އަބަދުވެސް މަސައްކަތް ކުރަމުންދާއިރު ޝައިޚް ޖައްރާޙު ޙިމާޔަތްކުރުމުގެ ކެމްޕޭނާއި އެތާނގެ ޚަބަރުތައް ގެނެސްދޭ ނޫސްވެރީންނަށް ގަނާކޮށް ބިރުދެއްކުން އިތުކޮށް އަނިޔާވެރިކަންވެސް ދައްކަމުން ގެންދެއެވެ. އިޒުރޭލު ސިފައިން ދޭތެރެދޭތެރެއިން ޙާލަތާއި ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާތައް ރޫޅައިލުމަށް މަސައކަތްކުރާއިރު ފަލަޞްޠީނުގެ ރައްޔިތުންނަށް އިތުރު އަނިޔާ ދިނުމުގެ ގޮތުން ގޮފަޅު ވަހަށްވުރެ ނުބައިވަސްދުވާ ނަޖިސްފެން ސްޕްރޭ ކުރެއެވެ. އަދި ޝައިޚް ޖައްރާޙުގެ ވަށައިގެންވަނީ ޗެކްޕޮއިންޓުތައް ހަދައިފައެވެ. މި ޗެކް ޕޮއިންޓުތަކުން ޝައިޚު ޖައްރާޙުގައި ރެޖިސްޓްރީ ކުރެވިފައިވާ މީހަކު ނޫން ފަލަޞްޠީނުގެ އެހެން ރައްޔިތަކަށް ނުވަދެވެއެވެ. ނަމަވެސް ޝައިޚު ޖައްރާޙުގައި ވަޒަންވެރިކުރުވައިފައިވާ ޔަހޫދީންނަށް ހަތިޔާރާއި އެކު އެއްވެސް ހުރަހަކާއި އުނދަގުލަކާއި ނުލައި އެ އަވަށުގެ މަގުތަކުގައި އުޅެވެއެވެ. އެހެންވީމާ އެންމެންވެސް މި ޙާލަތު ސިފަކުރަނީ ޝައިޚު ޖައްރާޙަކީ ޙިޞާރު ކުރެވިފައިވާ ތަނެއްގެ ގޮތުގައެވެ.

ސާފުކޮށް އެނގެން އޮތީ ޝައިޚު ޖައްރާޙު ކެމްޕޭނަށް އަމާޒުކޮށް އިޒުރޭލުން ޢުދުވާނު ހިންގަނީ، ހަމައެކަނި ކާމިޔާބު ކަމާއިއެކު އިޒުރޭލުގެ އަނިޔާވެރިކަމާއި ޔަހޫދީންގެ ހަޤީޤީ ސިފަ ދުނިޔެއަށް ދެއްކެމުންދާތީ ނޫންކަމުގައެވެ. އޭގެ އިތުރުން އެއީ ފަލަޞްޠީނު އެއްބައިވަންވެސް ކުރުވާ ކެމްޕޭނަކަށްވުމެވެ.

ފަލަޞްޠީނު ބިމަށް ވެރިވެގެންތިބެ ވެރިކަމެއް ހިންގަމުންގެންދާ ޔަހޫދީންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުންވެސް ޝައިޚް ޖައްރާޙު ކެމްޕޭން ހުއްޓުވުމަށް ނުވަތަ ދުނިޔޭގެ މުޖުތަމަޢާއި ހިސާބަށް އެމީހުންގެ ރިހުން ފޯރުކޮށްދިނުން ހުއްޓުވުމަށް އިޒުރޭލު ސަރުކާރުން ކުރާހާ މަސައްކަތެއްދަނީ ފެއިލް ވަމުންނެވެ. ޝައިޚް ޖައްރާޙުގެ ޙަރަކާތްތެރީން ގެންދަނީ އެތާނގައި ތިބެގެން އެތާނގައި އިޒުރޭލުން ހިންގައިހާ ކަމެއް އޮންލައިންކޮށް ދައްކަމުނެނެވެ. އެމީހުން ކާމިޔާބު ހޯދައިފައިވަނީ އިސްތިއުމާރު ކޮށްފައިވާ ފަލަޞްޠީނުގެ ރައްޔިތުން އެއްބައިވަންތަ ކުރުމުގައި އެކަންޏެއް ނޫނެވެ. އެބިމުން ނަސްލެއް ނައްތައިލުމަށް އިޒުރޭލުން ކުރާ މަސައްކަތަށް ދުނިޔޭގެ ސަމާލުކަންވެސް އެމީހުން ގެންދަނީ ހޯދަމުންނެވެ. އެކަމުގެ ސަބަބުން ޝައިޚް ޖައްރާޙު މިހާރުވެގެން ގޮސްފައިވަނީ އިޒުރޭލު ސަރުކާރުފަޅިއަށް ހެރޭ ތޫނު ކަށްޓަކަށެވެ.