ލޯކަލް ގަވަރމަންޓް އޮތޯރިޓގެ ބޯޑަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަށްޓަކައި ކުރިއަށްދާ އިންތިޚާބުގެ ކަންކަން ދަނީ ރަނގަޅަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓގެ ބޯޑަށް ކައުންސިލަރުންގެ ތެެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވީނިއުސްއާއި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބުގެ ކަންކަން ދަނީ ރަނގަޅަށް ކަމަށާއި އެހެންނަމަވެސް ހއ. ބާރަށުގައި ކުޑަ މައްސަލައެއް ވޯޓު ލުމުގައި ދިމާވި ކަމަށެވެ.

އެގޮތުން އެ ރަށުން އޮފިޝަލެއްގެ ގޮތުގައި އިލެކްޝަނުން ނެގި މީހާއަށް އާއިލީ ކަމެއް ދިމާވުމުން އެހެން އޮފިޝަލެއް ނެގުމުން އެކަމާ ޕީޕީއެމްގެ 4 ކައުންސިލަރުން ނުރުހުން ފާޅުކުރި ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އަދި އުންމީދުކުރަނީ މިއަދު މެންދުރު 13:00 ގެ ކުރިން ނަތީޖާ ލިބޭނެ ކަމަށާއި ކޮމިޝަންގެ ދެ މުވައްޒަފަކު ވާނީ އަތޮޅުތަކަށް ވޯޓުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ފޮނުވާފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ވޯޓުލުން މިއަދު 11:00 ޖެހުމާއި ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.