މިމަހުގެ ފުރަތަމަ 10 ދުވަހު 17،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފަސްހިސާބުތައް ދައްކަގޮތުން މި ހިނގާ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މިމަހު ރާއްޖެ ޒިޔާރަތްކުރީ 17،331 ފަތުރުވެރިން ކަމަށެވެ. މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ 6 ވަނަ ދުވަހު ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އެ ދުވަހު 2،308 ފަތުރުވެރިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓުއަރިޒމް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެއްވެސް ފަތުރުވެރިއަކު ޒިޔާރަތްކޮށްފައިނުވާކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހު 39،762 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ ފުރަތަމަ 10 ދުވަހު ޒިޔާރަތްކުރި 17،331 އާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ 471،714 އަށް އަރާފައިވާކަމަށެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 23.8 އިންސައްތަ ހިއްސާކުރަނީ ރަޝިއާ ފަތުރުވެރިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. 19 އިންސައްތަ ހިއްސާކުރަނީ އިންޑިއާއިން ކަމަށާއި، 5.5 އިންސައްތަ ހިއްސާކުރަނީ އިންޑިއާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ޓުއަރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިިން 730 ތަނެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ތަންތަނުގައި 47،474 އެނދު އޮޕަރޭޝަނަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ތެރޭގައި 154 ރިސޯޓު ހިމެނޭ ކަމަށާއި، ރިސޯޓުތަކުގައި 35،640 ބެޑް ކެޕޭސިޓީ އެބަހުރިކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. 427 ގެސްޓްހައުސްއެއް ޚިދުމަތަށް ހުޅުވާލާފައިވާކަމަށާއި، ގެސްޓްހައުސްތަކުގައި 7،748 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށާއި، 139 ސަފާރީއެއްގެ ޚިދުމަތްދެމުންދާއިރު ސަފާރީތަކުގައި ހުރީ 2،726 ބެޑް ކެޕޭސިޓީ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. 10 ހޮޓެލްއެއް ހިންގަމުންދާއިރު، މި ތަންތަނުގައި 1،360 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއީ ކޮވިޑްގެ ހާލަތުގެ ކުރީގެ އަދަދުތަކާ އަޅާ ބަލާއިރު ދަށް އަދަދުތަކެއް ކަމަށެވެ. އެގޮތުން ކޮވިޑް ހާލަތާއި ގުޅިގެން ފަތުރުވެރިކަން މެދުކަނޑާލުމުގެ ކުރިން 1،034 ޓުއަރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއަކުން ޚިދުމަތް ދެމުން ގެންގޮސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިތަންތަނުގައި 53،840 ބެޑް ކެޕޭސިޓީ ހުރި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.