ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލްތަކުން ހޮވާ ގޮނޑިއަށް، ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އިންތިހާބު ކޮށްފިއެވެ.

އިންތިހާބުގައި މޭޔަރު ރަފީގު ވާދަކުރައްވާފައިވަނީ، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއެެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ، އެލްޖީއޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރަފީގަށް ލިބިވަޑައިގެންފައިވަނީ 24 ވޯޓެވެ. އަދިޑރ. މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

ރަފީގު އިންތިހާބު ކާމިޔާބުކުރެއްވީ ތިން ވޯޓުގެ ތަފާތަކުންނެވެ.

އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލްތަކުން އިންތިހާބުކުރާ މެންބަރުވެސް މިއަދު ހޮވާފައިވާއިރު، އެ ގޮނޑި ކާމިޔާބު ކުރެއްވީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދެވެ. ޔާމީން ގޮނޑި ކާމިޔާބު ކުރެއްވީ އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމްއާ ވާދަކުރައްވައެވެ.

ޔާމީން މިގޮނޑި ކާމިޔާބުކުރެއްވީ ދެވޯޓުގެ ތަފާތަކުންނެވެ. ޔާމީނަށް 416 ވޯޓު ލިބިވަޑައިގެންނެވިއިރު، ކަރަމްއަށް ލިބިފައިވަޑައިގެންފަވަނީ 414 ވޯޓެވެ. ޔާމީނަކީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރެކެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

އައު ކައުންސިލަރުން ހުވާ ކުރެއްވުމާއި ގުޅިގެން، ޤާނޫނުގައިވާ ގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މިދިޔަ މެއިމަހުގެ 17 ވަނަ ދުވަހު އަލުން ވަނީ އެކުލަވާލާފައެވެ.

އެގޮތުން އެލްޖީގެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

ޗީފް އެގްޒެކެޓިވް އޮފިސަރގެ ގޮތުގައި ފާތިމަތު އަފްޝަން ލަތީފް ކަނޑައަޅުއްވާފައި ވާއިރު، މާލީ ކަންކަމާގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަހްމަދު ޝަރީފެވެ.