ކޮވިޑް ބަލީގައި 83 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށެވެ.

އޭނާ ނިޔާވީ މިއަދު ފަތިހު 04:47 ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއީ މިއަދު ކޮވިޑް ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ. އަދި މިހާތަނަށް މި ބަލީގައި ނިޔާވި 197 ވަނަ މީހާއެވެ.

ހޮނިހިރު ދުވަހު ކޮވިޑް ބަލީގައި 4 މީހަކު ނިޔާވެފައިވެއެވެ.

ލ. ގަން ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނަކު ހޮނިހިރު ދުވަހުގެ ހެނދުނު 10:54 ގައި މަރުވެފައިވާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި އަންހެނަކު ހެނދުނު 09:55 ގައި މަރުވެފައި ވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 25 އަހަރުގެ ދިވެހި އަންހެނަކު މެންދުރު 12:43 ގައި މަރުވެފައި ވެއެވެ.

ކޮވިޑްޖެހި ހާލު ދެރަވެގެން އެޑްމިޓު ކުރިއިރު، އޭނާއަކީ މާބަނޑުމީހެކެވެ. އެޑްމިޓުކުރިތާ 1 ދުވަސް ފަހުން ސިޒޭރިއަން ހަދައި ދަރިފުޅު ނަގާފައިވާއިރު، އޭނާ މަރުވީ ސިޒޭރިއެން ހެދިތާ 8 ވަނަ ދުވަހުއެވެ. ނިޔާވީ ދަރިފުޅު ލޮލުންވެސް ނުފެނިއެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނަކު ހޮނިހިރު ދުވަހުގެރޭ 10:00 ގައި ނިޔާވެފައި ވެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ރާއްޖެއިން 246 މީހުން ކޮވިޑް ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 88 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 137 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 13 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 8 މީހަކު ނިސްބަތްވަނީ އަލަށް ތަރައްގީ ކުރަމުންދާ ރަށަކަށެވެ.

އަލަށް ޕޮޒިޓިވްވި 246 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 70،077 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 2،273 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 58،832 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 11،041 ގައެވެ. މީގެތެރެއިން 97 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.