ގާނޫނުލް އުގޫބާތަށް ހުށައެޅި އިސްލާހު ގާނޫނު އަސާސީއާއި ޚިލާފްކަމަށް ބުނެ އެ އިސްލާހު ފާސްނުކުރުމަށް މާލެ ސިޓީ ކައުންސިލުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައިފިއެވެ.

ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިކަމަށް ގޮވާލީ ގާނޫނުލް އުގޫބާތަށް ހުށައެޅި އިސްލާހާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމް ދީނަށާއި الله އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم‎ އަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ބުނުން އެއީ ގާނޫނުން ބާރު ލިބިގެން ކުރެވޭނެ ކަމެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރަމުން ގެންދާތަން ފެންނަ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި 124 ވަނަ މާއްދާއެއް އިތުރު ކުރެވި އެމާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ 1 އަދި 2 އޮތް ގޮތުން އެއްވެސް ޖެހިލުމެއް ނެތި الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم‎ އަށް އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ބަދު ބަސް ބުނާ މީހާ އެކުރާ ކަންކަން ހުއްޓުވަން މަސައްކަތް ކޮށް އެކަމާއި ދެކޮޅަށް ބަސް ބުނާ މީހާ އެކުރަނީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާއިރު، ދީނަށް ހަޖޫ ޖަހާ ފުރައްސާރަކޮށް الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم‎ އަށް ފުރައްސާރަ ކުރުން އެއީ ގާނޫނު ހުއްދަ ކުރާކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމުގައި ބެލެވޭ ކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

އަދި އިސްވެ ދަންނަވާފައިވާ ގޮތަށް ގާނޫނުލްއުގޫބާތު އިސްލާހު ވެގެން ދިޔުމަކީ މާލޭ ސިޓީ ކައުންސިލްގެ ވެސް ކަން ބޮޑުވުން އޮތް ކަމެއްކަމުގައި ދަންނަވަން. އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށައެޅި އިސްލާހަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ތަޢާރަޒު ވާ ގާނޫނޫއަސާސީ އާއި ޚިލާފު އިސްލާހެއް ކަމުގައި ދެކޭތީ، އެ އިސްލާހުގެ ސަބަބުން މާތްވެގެންވާ އިސްލާމް ދީނާއި، الله سبحانه وتعالى އާއި ކީރތި ނަބިއްޔާ محمد رسول الله صلى الله عليه وسلم އަށް ފުރައްސާރަކޮށް ހަޖޫ ޖެހުން ގާނޫނަކުން ހުއްދަ ކުރެވޭ ކަމަށް ބެލެވޭތީއާއި، އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެ ކުރަނީ ކުށެއް ކަމުގައި ކަނޑައެޅުމުގެ އިސްލާހަށް މާލޭ ސިޓީ ކައުންސިލް ދެކޮޅުކަމެއް."
މާލޭ ސިޓީ ކައުންސިލް

އަދި އެ އިސްލާހު ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާލޭ ސިޓީ ތަމްސީލު ކުރައްވާ މެމްބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައެޅުއްވި އިސްލާހަށް ދީނީ އިލްމުވެރިންނާއި، އާންމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު ފާސްނުކުރުމަށް ގޮވާލަމުންނެވެ.