މިސްކިތްތަކަށް ދެރަ ގޮތްތަކެއް ވަމުންދާތީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިމިވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދާ، އެއްޗެހި ދޮވެ، މިސްކިތްތަކުގައި ބޭނުންކުރުން އެކަށީގެންނުވާ ބައެއް ޒާތުގެ ތަކެތި ބޭނުންކުރާކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާކަމަށް ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.

ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިސްކިތްތަކަށް ދެރަ ގޮތްތަކެއް ވަމުންދާތީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި ޕާޓޭން މަސްތުވާތަކެތި ފޮރުވާ ޑީލް ހަދައި ޚަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށްދާއިރު މިކަންކަން ހުއްޓުވަންޖެހޭ ކަމަށެވެ.

މިސްކަތްތައް މިގޮތަށް ދޫކޮށްގެން ނުވާނެ."
ޝެއިޚް އަލީ ޒައިދު

މިސްކިތްތަކުގައި މަސްތުވާތަކެތި ބެނުންކުރުމާއި ކައިބޮއި އަދި ނިދުން ފަދަ ކަންކަން ހިނގާތީ ފުލުހުން ކޮންމެ ރެއަކު މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރަށް އެފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްގެން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ.

އެހެންނަމަވެސް މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއް ބޭނުން ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދާދިފަހުން ދީފައެވެ.