މޯލްޑިވްސް ޓްރާންސްޕޯ އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ގައި ބާއްވަން ތާވަލްކޮށްފިއެވެ.

2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ގައި ބާއްވަން ތާވަލްކޮށްފައިވަނީ ޖަލްސާ އެތައް ދުވަހަކަށް ފަސްކުރުމަށް ފަހުއެވެ.

އެމްޓީސީސީން ބުނީ މި ޖަލްސާއަށް ކުންފުނީގެ ހިއްސާދާރުންނަށް މިހާރު ދައުވަތު އަރުވާފައިވާނެ ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 19 ގެ ނިޔަލަށް ހުޅުވާލާފައިވާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ޖަލްސާ ބާއްވަނީ އޮންލައިންކޮށް ކަމަށާއި، ޖަލްސާ ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ”ފަހިވޯޓު“ މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

20 ވަނަ ދުވަހުގެ މެންދުރު 13:00 ގައި މި ޖަލްސާ ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

2020 ވަނަ އަހަރު އެމްޓީސީސީއަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިސާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 224.7 މިލިއަން ރުފިޔާއެވެ.

ފައިދާއިން ހިއްސާއަކަށް 3 ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ.