އިންސާފު ގެއްލިފައިވާ މީހުންނަށް އެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ހުޅުވާލައިފިއެވެ.

އެ އޮފީހުން ބުނީ އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދައިން 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް، މިއަދުން ފެށިގެން 13 އޮގަސްޓް 2021 ވަނަ ދުވަހުގެ ނިޔަލަށް މި އޮފީހަށް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށެވެ.

އަދި މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއެކު، އެ އޮފީހުގެ އީމެއިލް އެޑްރެސް[email protected] އަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި އެ އޮފީހުގެ ކައުންޓަރަށް ހުށަހެޅޭނެ ކަމަށް އޮމްބަޑްސްމަން އޮފީހުން ބުނެއެވެ.

މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް މި އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެ އޮފީހުގެ ނަންބަރު 7337486 އަށް ގުޅުއްވުމަށް އެ އޮފީހުން ވަނީ އެދިފައެވެ.