މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ހައްޖު ދަތުރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކެންސަލްކޮށްފިއެވެ.

އެ ކޯޕަރޭޝަނުން މިގޮތަށް ނިންމީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން 1442 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހަމައެކަނި ސައުދި އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމެވުމާއި ގުޅިގެންނެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ ފަރާތުން މި އަހަރު ކުރުމަށް ހަމަޖެހިފައިވާ ހައްޖު ދަތުރުވަނީ ކެންސަލްކުރެވިފައި ކަމަށާއި އަދި އެ ކުންފުންޏަށް ފައިސާ ދައްކާ ހައްޖު ޖާގަ ރިޒާވް ކޮށްފައިވާ މީހުންނަށް ޖާގަ ދެވޭ އަހަރު، ޖާގަ ރިޒާވްކުރެވިފައިވާ ތަރުތީބުން އެއް އަހަރު ފަސްކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެހެންކަމުން މިއަހަރު ހައްޖުވުމަށް ކަނޑައެޅި ޖާގަ ދެވިފައިވާ މީހުންނަށް މި އަންނަ އަހަރުގެ ހައްޖުގައި ބައިވެރިވުމަށް ފުރުސަތުދެވޭނެ ކަމަށާއި މިއާއި އެއްކޮށް ހައްޖު ޖާގައަށް އައިސްފައިވާ ބަދަލު އެ ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ "ހައްޖު ޖާގަ" ޓެބް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ސައުދި އަރަބިއްޔާގެ ހައްޖާއި އުމްރާއާއި ބެހޭ ވުޒާރާއި ސިއްހަތާއި ބެހޭ ވުޒާރައިން ބުނެފައިވަނީ، މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ބައިވެރިވެވޭނީ އެގައުމުގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް 60،000 މީހުންނަށް ފުރުސަތު ދޭނެކަމަށްވެސް ސައުދީ ސަރުކާރުން ހާމަކުރެއެވެ.

އެގޮތުން ހައްޖުވުމަށް ދަފުތަރު ކުރެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިގު މުއްދަކަށް ބޭސްފަރުވާކުރަންނުޖެހޭ މީހުންނާއި ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންންނާއި، މަދުވެގެން 14 ދުވަސްކުރިން ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާ މީހުންނާއި ކޮވިޑް-19ން ފަސޭހަވުމަށްފަހު ވެކްސިން ޖަހާފައިވާ މީހުންކަމަށްވެސް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.