މި ހިނގާ ޖޫން މަހުގެ 3 ގެ ނިޔަލަށް މިއަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 7.8 ބިލިއަން ރުފިޔާކަމަށް ފިނޭންންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މިއަހަރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސް ފައިސާއިންނެވެ. ޓެކްސް ފައިސާއިން 6.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޓެކްސް ފައިސާއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއިން ކަމަށެވެ. މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއިން 3.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުން 2.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ބިޒްނަސް ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ގްރީން ޓެކުހުގެ ގޮތުގައި 340.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 171.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، އިމްޕޯޓު ޑިއުޓީން 947.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިމު ކުއްޔާއި ރިސޯޓު ކުލިންނެވެ. ކުލިން 623 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އެއާޕޯޓް ޑިވޮލޮޕްމެންޓް ފީއާއި، ރެސިޑެންޝަލް ޕާމިޓުގެ އިތުރުން އެހެނިހެން ފީއާއި ޗާޖަސްގެ ގޮތުގައި 436.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ރެޖިސްޓްރޭޝަން އަދި ލައިންސަންސް ފީގެ ގޮތުގައި 249.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖޫރިމަނާގެ ގޮތުގައި 109.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، އިންޓްރެސްޓް، ޕްރޮފިޓް އަދި ޑިވިޑެންޑުގެ ގޮތުގައި 109.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެހެނިހެން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 102.98 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، ގްރާންޓްސްގެ ގޮތުގައި 70.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.