އެއީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވީ ހޮނިހިރު ދުވަހުގެ ރެއެެވެ.

މުޅި ދިވެހި ގައުމު ހެއްވާލި އުފާވެރިކަމުގެ ރެއެވެ. އުފާވެރިކަމުގެ ކަރުނުން ލޯތައް ރޮއްވާލި ރަން އަކުރުން ފަވާލެވުނު ރެއެވެ.

ކާމިޔާބީއަށް އެދި ދުއާކުރަމުންދިޔަ އެތައް ދިވެހިންގެ ހިތަށް ހިތްހަމަޖެހުމުގެ އިހުސާސް ގެނެސްދިން ކާމިޔާބީގެ ރެއެވެ. އެތައް ދުވަސްތަކެއް ވަންދެން ފުޓުބޯޅައިން ރަން ވަނައެއް ހޯދުމަށް އެދިތިބި ދިވެހިންގެ ހުވަފެނުގައި ހަގީގީ ކުލަ ޖައްސުވައިދިން ރެއެވެ.

މާލޭ އާއި ކޮޅުނބުގައި ކުޅެވިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ގައުމުގެ ފަޚުރުކަމުގައިވާ ގައުމީ ފުޓުބޯޅަ ޓީމުން ހޯދާ މި ސަރަހައްދުގައި ރަތާއި ފެހި އަދި ހުދުގެ ހައިބަތު ދައްކުވައިދިން ފަޚުރުގެ ރެއެވެ.

ސްރީލަންކާގެ ސުގަތަޑަސަ ސްޓޭޑިއަމުގައި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި، "މިއޮށް ކުޑަ ރާއްޖެ އަރާ، އެއޮށް ބޮޑު އިންޑިއާ 0-1 އިން ބަލިކޮށް" ރަން ތަށި އުފުލާލި ދުވަހަކީ ހަމަ ގައިމުވެސް ދިވެހިންގެ ހިތްތަކުން ފިލައިނުދާނެ ހަނދާނެކެވެ. ތާއަބަދަށް ގައުމީ ޓީމަށް އޭރު ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކުރާނެއެވެ.

ފައިނަލް މެޗުގެ ފުރިހަމަވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް މުޚްތާރް ނަސީރު ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަންއިރު އިންޑިއާ ޓީމުގެ ގޯލް ކީޕަރު ހުރީ ދާނެ ކޮޅެއް ނޭނގި ހުއްޓިފައެވެ. މުޚްތާރުގެ ލަނޑާއެކު ދަނޑުގައި މެޗުބަލަން ތިބި 5000 އެއްހާ ދިވެހި ސަޕޯޓަރުން ފުމެމުން ނަށަމުން ދިޔައިރު ރާއްޖޭގައި ވެސް ހަމަ އެ ޖޯޝާއި ފޯރި ފެނުނެވެ.

މުބާރާތުގެ ޓްރޮފީ އާއިއެކު ކުރީގެ ރައީސް މައުމޫން އާއި ދަގަނޑޭ

ޅެން ބަހުން، ގައުމީ ޓީމަށް އެތައް ސަނާއެއް އެ ރެއިން ފެށިގެން އަދިއަދާ ޖެހެންދެންވެސް ކިއާކަމީ އެކަމުގެ ހެއްކެކެވެ. ރަތް ޓީމުގެ މުޚްތާރާއި އަޝްފާގަށް މަރުހަބާ، އަސްޢަދާއި ސޮބާ، ޖަމީލް އިއްސޭ އަށް މަރުހަބާ. މަރުހަބާ އިމްރާނާއި ޠާރިގަށް މަރުހަބާ، އައްމަޓީ ޝިފާނުއާ ފަޒީލުއަށް މަރްހަބާ ގޮވަމުން، މުޅި މާލޭ އާއި އަތޮޅުތެރޭގެ ތަށްތަކުގެ މަގުތައް އެރެއާއި ގައުމީ ޓީމުން ރާއްޖެ އަށް ތަށްޓާއެކު އައި ދުވަހު ރަތްކުލައިން ފަވާލުންވެސް އެއީ އެކަމުގެ ހެއްކެކެވެ.

ޓީމަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެފަ- ފޮޓޯ:- އިމޭޖަސް އެމްވީ

ރަން ކާމިޔާބީ އަށް 13 އަހަރު މި އަދަށް ފުރުނުއިރު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ދަނީ އަނެއްކާވެސް ގައުމަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި އިތުރު ޖިހާދެއް ކުރަމުންނެވެ. ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓު ކޮލިފިކޭޝަނުގައި ރާއްޖެ ޓީމުން ދަނީ ގޮންޖެހުންތަކާއެކުވެސް ބޮޑު އަޒުމެއްގައި ކުޅެމުންނެވެ.

ފަރިތަކުރާނެ އެއްވެސް ފުރުސަތެއް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު ޓީމުން ކުރިމަތިލާން ޖެހުނީ މުބާރާތަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ޗައިނާ އާއި ސީރިއާ ފަދަ ޓީމުތަކާއި ދެކޮޅަށް ނުކުންނާށެވެ. ކޮލިފިކޭޝަނުގެ ދެވަނަ ބުރުގައި ކުޅުނު ދެ މެޗުން ވެސް ރާއްޖެ ޓީމަށް އެންމެ ބޭނުންވި ނަތީޖާއެއް ނުލިބުނެވެ.

ރާއްޖެ އާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އޭއެފްސީ

އެހެންނަމަވެސް ދިވެހިން ތިބީ ޓީމު ދޫކޮށްލުމުގެ ވިސްނުމުގައެއް ނޫނެވެ. އަދިވެސް އެދެނީ ކުރިއަށް އޮތް ކޮލިފިކޭޝަނުގެ ފަހު މެޗުގައި ފިލިޕީންސް އަތުން ރަނގަޅު ކާމިޔާބީއެއް ހޯދާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް އޮތް ހަނި ފުރުސަތު ހޯދުމެވެ. ކާމިޔާބީ ހޯދުމުން މަރުހަބާ ކިޔާ ކޮނޑުގައި ފިރުމަން ތިބި ދިވެހިން، ޓީމު ބަލިވުމުންވެސް ތިބީ އަތުގައި ހިފާ ކޮޅަށް ނަގާ ޓީމު އުފުއްލާލުމުގެ ހިތްވަރާއި އަޒުމާއި އެކުގައެވެ.

ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ޓީމުން ދުބާއީގައި ކުރަމުންދާ ފަރިތަކުރުންތަކުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

ފިލިޕީންސް އާއި ދެކޮޅަށް މި މަހުގެ 15 ވާ އަންގާރަ ދުވަހުގެރޭ 20:00 ގައި ގައުމީ ޓީމުން ނުކުންނައިރު، ޓީމުން ދަނީ ކޮލިފިކޭޝަންގެ ފަހު މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ރާއްޖެ އަށް ލިބެނީ 7 މެޗުން 6 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައެވެ. އެއްވަނައިގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 21 ޕޮއިންޓާއެކު ސީރިއާ އޮތްއިރު ދެވަނައިގައި ޗައިނާ އޮތި 16 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފުލުގައި އޮތީ 8 މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމުން ފިލިޕީންސް އާއި ދެކޮޅަށް ނުކުންނަ މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މެޗުގެ ޕްރީ ޝޯ އެރޭ 19:30 ގައި ފަށާނެއެވެ.