ސަރުކާރުގެ ކުލަ ބަދަލުކުރިޔަސް، އިސްރާއީލުވާނީ، ފަލަސްތީނުގެ ބިންތައް ހިފައިގެންއޮތް އިސްތިއުމާރީ ބާރަކަށް ކަމަށް، ފަލަސްތީނުގެ ޣައްޒާގައި ވެރިކަންކުރާ ހަމާއިން ބުނެފިއެވެ.

ހަމާސްއިން މިހެންބުނީ، އިސްރާއީލުގެ ބޮޑުވަޒީރު ކަމުގައި ހުރި ހައްދުފަހަނައަޅާފައިވާ ބެންޖަމިން ނަތަންޔާހޫގެ ވެރިކަމަށް ނިމުން އައިސް، ޔަހޫދީ ހަރުކަށި ފިކުރުމުގެ ނަފްޓަލީ ބެނެޓް އައު ބޮޑުވަޒީރުކަމުގެ ހުވާ ކުރުމާ ގުޅިގެންނެވެ.

ހަމާސްގެ ތަރުޖަމާނު ފައުޒީ ބަރްހޫމް ވިދާޅުވީ، އިސްރާއީލުގައި އޮންނަ ވެރިކަމެއް، ކޮންމެ ކުލަޔަކަށް ބަދަލުވި ނަމަވެސް، އިސްރާއީލުވާނީ އިސްތިއުމާރީ ބާރަކަށް ކަމަށެވެ.

އިސްރާއީލުގައި އޮންނަ ކޮންމެ ސަރުކާރެއް ކޮންމެ ބައްޓަމަކަށް އޮތަސް، އެއީ ޒަޔަނިސްޓު ބާރެއްގެ ގޮތުގައި ފަލަސްތީނުން ދެކޭ ދެކުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން އަރައިގަނެ، ބިންތައް ހިފައި، ފަލަސްތީނު އިސްއުމާރުކޮށްގެން އޮތް ބާރެއް ކަމަށާއި، އެހެންކަމުން، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދުމަށް ބާރުގެ ބޭނުންކޮށްގެން އިސްތިއުމާރާ ދެކޮޅުހެދުން މެދުނުކެނޑި ކުރިއަށްދާނޭ ކަމަށްވެސް ހަމާސްގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

އިސްރާއީލުގެ ވެރިކަން ބަދަލުވުމާ ގުޅޭގޮތުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވާހަކަ ދެއްކެވި، އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ، ސަރުކާރު ބަދަލުވުމަކީ އިސްރާއީލުގެ އެތެރޭގެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ފަލަސްތީނުގެ ޑިމާންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އެކަން އޮންނާތީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.

"އެއީ އިސްރާއީލުގެ ދާޚީލީ ކަމެއް. އަޅުގަނޑުމެންގެ މަގާމު ބަދަލެއް ނުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ފަލަސްތީނުގެ ދައުލަތެއް. އެ ދައުލަތް ވާންޖެހެނީ 1967 ގެ ބޯޑަރާ ހަމައިން ގާއިމްކުރެވޭ ދައުލަތަކަށް. އެ ދައުލަތުގެ ވެރިރަށަށް ވާންޖެހޭނީ ގުދުސް" ނަބީލް އަބޫ ރުދައިނާ

އިސްރާއީލުގެ ސަރުކާރު ބަދަލުވުމަކީ މާބޮޑު ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން ކަމަށް ފަލަސްތީނުގެ އާންމު ރައްޔިތުން ކުރިންވެސް ގެންދިޔައީ ބުނަމުންނެވެ. އެމީހުން ބުނަމުންދިޔައީ އިސްރާއީލުގެ ވެރިކަމުގައި ބަދަލުވަނީ ހަމައެކަނި ބޮޑުވަޒީރުގެ މަގާމުގައި ހުންނަ މީހާ ކަމަށާއި އެހެން އެއްވެސް ކަމެއް ބަދަލުނުވާނޭ ކަމަށެވެ.

ނަތަންޔާހޫއަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ ހުވާކުރި ނަފްޓަލީ ބެނެޓްއަކީ، ނަތަންޔާހޫއާ ޚިލާފަށް ފަލަސްތީނު ރައްޔިތުންނާމެދު މާ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭނެ މީހެއް ކަމަށް ބެލެވިފައި ވެއެވެ.

އޭނާއަކީ، ފަލަސްތީނުގެ ބިންތަކުގައި އިތުރު ޔަހޫދީ އާބާދީތައް ހެދުމަށް ތާއީދުކުރާ އަދި އެކަމަށް ހިތްވަރުދޭ މީހެކެވެ. އޭނާއާއި ނަތަންޔާހޫއާ ދެމެދު ހުރި ތަފާތަކީ އެ ދެމީހުންގެ ދެމެދުގައި އޮތް ޒާތީ ކަންކަން އެކަނިކަމަށް މުރާސިލުން ބުނެއެވެ.

ނަތަންޔާހޫ ވެރިކަމުން ދުރުކުރަން އިދިކޮޅު ލީޑަރު ޔައިރް ލެޕިޑް އުފެއްދި ކޯލިޝަން އެއްބަސްވުން އިސްރާއީލުގެ ޕާލަމެންޓުން ފާސްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ކޯލިޝަން ސަރުކާރެއް ހަދަން އެކަށައެޅި އެއްބަސްވުމާ ދެކޮޅަށް 59 މެމްބަރުން ވޯޓުދިންއިރު، އެއްބަސްވުން ފާސްވީ 60 ވޯޓުންނެވެ.

އެއްބަސްވުމުގެ ދަށުން، ކޯލިޝަންގައި ހިމެނޭ ޔަމިނާ ޕާޓީގެ ލީޑަރު ނަފްޓަލީ ބެނެޓް ވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކޮށްފައެވެ. އޭނާ ބޮޑުވަޒީރުކަން ކުރާނީ 2 އަހަރުއެވެ. ދެން އަންނަ 2 އަހަރު ބޮޑުވަޒީރުކަން ކުރާނީ ޔައިރް ލެޕިޑްއެވެ.

ކޯލިޝަން ސަރުކާރުގައި، އިސްރާއީލުގެ އާބާދީގައި ހިމެނޭ ފަލަސްތީނު ދަރިކޮޅު މީހުން ތަމްސީލުކުރާ ޕާޓީވެސް ހިމެނެއެވެ.

ޔުނައިޓެޑް އަރަބް ލިސްޓު ޕާޓީން އިދިކޮޅު ކޯލިޝަނާ ގުޅުމުގައި، ނަތަންޔާހޫ ވެރިކަމުން ދުރުކުރުން ނޫން އިތުރު މާބޮޑު މަގްސަދެއް އޮތްކަމަށް ނުބެލެވޭ ކަމަށް މުހައްލިލުން ބުނެއެވެ.

އިސްރާއީލުގެ މުޅި އާބާދީގެ %21 އަކީ ފަލަސްތީނު ދަރިކޮޅުގެ މީހުންނެވެ.

ނަފްޓަލީ ބެނެޓް ބޮޑުވަޒީރުކަމުގެ ހުވާ ކުރުމާއެކު، ނަތަންޔާހޫވަނީ ސޯޝަލް މީޑިއާއަށް އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލާފައެވެ. އިސްރާއީލުގެ ވެރިކަމަށް "ތިޔަ ހީކުރާ ވަރަށްވުރެ އަވަހަށް" އެނބުރި އަންނާނެ ކަމަށް ވައުދުވެފައި ވެއެވެ.