ގެދޮރުވެރިކަމާއި ބޯހިޔާކަމަށް ޚާއްސަ ލޯނު ތައާރަފުކުރުމަށް މިރޭ ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރުން ބުނީ މި ރަސްމިއްޔާތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭ ގިން ކަންކަމެއް އިއުލާނުކުރާނެ ކަމަށެވެ. މިއީ ކޮން ސިޔާސަތުތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

މި ރަސްމިއްޔާތާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމަށް ޚާއްސަ ލޯނާ ގުޅޭ މައުލޫމާތާއި، ރަށްރަށުގައި ހަދަން ފަށާފައި ހުރި ގެތަކަށް އޮތް ހައްލު އިއުލާނުކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތު އޮންނާނީ މިރޭ 21:30 ގައެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ޓީވީ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.

ގެދޮރުވެރިކަމަށް ޚާއްސަ ލޯނަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މި ލޯނު ދޫކުރުމުގައި އަތޮޅުތެރެއަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ. އެއީ އަތޮޅުތެރޭގައި އަޅަން ފަށާފައިހުރި ގެތަކުގެ މަސައްކަތްކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ދައުރު ނިމޭއިރު ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށްވާއިރު، މި މަސައްކަތަކީ މި ސިޔާސަތުގެ ދަށުން ކުރާ ކަމެއް ކަމަށް މިނިސްޓަރ އަސްލަމް މީގެ ކުރިން ވިދާޅުވިއެވެ.