ކޮންމެ ތިންމަހަކުން އެއް ފަހަރު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވަން އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލްއން ބުނީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕު ބޭއްވުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ބީއެމްއެލް ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ވަނީ ކޭމްޕެއް ބާއްވާފައެވެ.

މި ކޭމްޕުގައި މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތަކުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި ހަރާކާތް މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެންނެވެ.

އަދި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް އަތޮޅު ތެރޭގައިވެސް ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ކުރިޔަށް ގެންގޮސްފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ މި ކޭމްޕް 2 ދުވަހަށް ކުރިޔަށް ދާނެ ކަމަަށާއި، މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލް އިން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރިވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.