ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު މަގާމުން ސަސްޕެންޑްކުރި މައްސަލައިގައި، ވަޒީރަކު ސަސްޕެންޑްކުރިޔަސް ގާނޫނުއަސާސީ ބުނާގޮތުން މަޖުލީހަށް ޖަވާބުދާރީވާންޖެހޭނީ އެ ވަޒީރެއް ކަމަށާއި، ވަޒީރަކު ސަސްޕެންޑްކުރުމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫންކަމަށާއި، ވަޒީރަކު ވަކިނުކޮށް ގާނޫނުއަސާސީން ވަޒީރަކަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުރުކުރުމަކީ ގާނޫނުއަސާސީއާއި ހިލާފުކަމެއް ގޮތުގައި ޑރ. މުހައްމަދު ޖަމީދު އަހުމަދު ވިދާޅުވި ވިދާޅުވުމަށް ގާނޫނީ ވަކީލު އަލްއުސްތާޒު މުޙައްމަދު ނިޝާން އިބްރާހީމް ރައްދު ދެއްވައިފިއެވެ.

މިކަމަށް ރިއާޔަތްކޮށް ނިޝާން ހާމަކުރައްވާފައިވާ ގޮތުން ވަޒީރަކު ސަސްޕެންޑް ނުކުރެވޭނެކަމަށް ގާނޫނުއަސާސީގައި ލިޔެފައި ނެތްކަމަށާއި، އެކަމަކީ ގާނޫނުއަސާސީއާއި ހިލާފުކަމެއްވެސް ނޫންކަމަށެވެ. އަދި ވަޒީރަކު ސަސްޕެންޑްކުރުމުން އެވަޒީރަކު، ވަޒީރެއްގެ ގޮތުގައި ގާނޫނުއަސާސީގެ 129 ވަނަ މާއްދާއާއި 134 މާއްދާ ބުނާގޮތުން މަޖުލީހަށް ޖަވާބުދާވާންވެސް ނުޖެހޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބަޔާންވެގެންވަނީ، ރައީސުލް ޖުމްހޫރިއްޔާ ހަވާލުކުރާ ކަންތައްތަކާއި ގާނޫނުއަސާސީންނާއި ގާނޫނުތަކުން ހަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖުލީހެއް އޮންނަންވާނެ ކަމަށެވެ.

އަދި 134 ވަނަ މާއްދާގައި ބަޔާންވެންވަނީ، ވަޒީރުންގެ މަޖުލީހުގެ މެންބަރުންނާއި ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމަށްޓަކައި ވަކިވަކި މެންބަރުންނާއި މުޅި ވަޒީރުންގެ މަޖުލީސް ރައީސުލް ޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރުން ގާނޫނުއަސާސީއިން ކަނޑައަޅާފައިވާ ގޮތަށް ރައްޔިތުން މަޖުލީހަށް ޖަވާބުދާރީވާންވާނެ ކަމަށެވެ.

މިކަންކަންކަމުގެ ތަފްސީލު ހޯދާލުމަށް ނިޝާންއަށް ގުޅާލުމުން ހާމަކުރައްވާފައިވަނީ، 129 ވަނަ މާއްދާއާއި 134 ވަނަ މާއްދާގެ މަފްހޫމަށް ބަލާއިރު ވަޒީރުންނަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަނުކުރާ ބަޔަކަށްވާއިރު، އެބޭބޭފުޅުންނަށް ޒިންމާތައް ހަވާލުކުރަނީވެސް ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި، އެވަޒީރަކު މަޖުލީހަށާއި، ރައީސުލް ޖުމްހޫރިއްޔާއަށް ޖަވާބުދާރީވާންޖެހޭނީ ހަވާލުކުރެވިފައިވާ ޒިންމާތަކާއި، ހަވާލުކުރެވިފައިވާ ކަންތައްތައްތަކާއި ގުޅިގެންކަން އެނގެން އޮންނަ ކަމަށެވެ.

މިފަދައިން ޒިންމާތަކެއް ހަވާލުކުރެވިފައިވާ ބޭފުޅަކު އެޒިންމާތަކުން އެއްފަރާތްކޮށް ސަސްޕެންޑްކުރުމުން އެޒިންމާތަކާއި ގުޅިގެން ޖަވާބުދާރީވާންޖެހޭ ތަނެއް ދެން އޮވެގެން ނުވާނެ ކަމަށާއި، މިކަމަކީ ގާނޫނީ ނަޒަރިއްޔާތުގެ އިތުރުން ބުއްދީގެ ނަޒަރިއްޔާތުންވެސް ގަބޫލުކުރާނެ ހަމަ ކަމަށެވެ. އަދި ވަޒީރަކު ސަސްޕެންޑުކުރުމަކީ ގާނޫނުއަސާސީ މަނާކުރާކަމެއް ނޫންކަމަށެވެ.

ޑރ.ޖަމީލު އާއި އުސްތާޒު ނިޝާންގެ މިބަހުސް ފެށިފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހެޅުމާއި ގުޅިގެން އަހްމަދު މަހުލޫފު ސަސްޕެންޑްކުރުމުންކަން ފާހަގަކޮށްލަމެވެ.