މިިދިޔަ މެއިމަހު، އިންޕޯޓް އެކްސްޕޯޓުން ދައުލަތަށް 238 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މެއިމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މެއިމަހާ އަޅާބަލާއިރު ވަނީ، 104 އިންސައްތަ އިތުރުވެފައެވެ.

2020 ވަނަ އަހަރުގެ މެއިމަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ މެއިމަހު މި ޢަދަދުވަނީ 238 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން މެއިމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2020 ވަނަ އަހަރުގެ މެއިމަހާ އަޅާބަލާއިރު 105 އިންސައްތަ ވަނީ އިތުރުވެފައެވެ.

2020 ވަނަ އަހަރުގެ މެއިމަހު ދިވެހިރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ މެއިމަހު މި އަދަދުވަނީ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިދިޔަމަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2020 ވަނަ އަހަރުގެ މެއިމަހާ އަޅާބަލާއިރު 91 އިންސައްތަ ވަނީ ދަށްވެފައެެވެ.

2020 ވަނަ އަހަރުގެ މެއިމަހު ރާއްޖޭން އެކްސްޕޯޓް ކޮށްފައިވަނީ 174 މިލިއަން ރުފިޔާގެ މުދާލެވެ. މިއަހަރުގެ މެއިމަހު މި އަދަދުވަނީ 333 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫއޭއީއެވެ.

އިންޑިއާ އިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު އޮމާން އިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 377 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން މިދިޔަމަހު އެންމެ އިންއިން އެކްސްޕޯޓްކޮ ށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 223 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓްކުރި ގަނޑުކުރި ކަންނެލިން 26 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތިން ވަނަައަށް އެންމެ ގިނައިން އެކްސްޕޯޓްކުރީ ކައްކާ، ސާފުކޮށްފައިހުރި ކަޅުބިލަމަހެވެ. އޭގެ 19 މިލިއަން ރުފިޔާގެ މަސް މިދިޔަމަހު ވަނީ އެކްސްޕޯޓްކޮށްފައެވެ.

މިއަހަރުގެ މެއިމަހު ރާއްޖެއިން ބޭރުން 101 އުޅަނދުފަހަރު އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 40 އުޅަނދުފަހަރެވެ.

އަދި މިއަހަރުގެ މި މުއްދަތުގައި 188 އުޅަނދެެއް ރާއްޖެއިން ފުރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ފުރާފައިވަނީ 56 އުޅަނދެވެ.