ޔޫރޯ 2020 ގެ ގްރޫޕް "އީ" ގައި ހޯމަ ދުވަހުގެރޭ ސްވިޑެން އިން ވަރުގަދަ ސްޕެއިން މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ސްޕެއިން އިން އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފު ޑޮމިނޭޓްކޮށް މޮޅަށް ކުޅުނީ ސްޕެއިން އިންނެވެ. އެ ޓީމުން ވަނީ މިހާފުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ކޮކޭ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް މުޅިން ހުސްކޮށްހުރެ ޑެނީ އޮލްމޯ ބޮލުން ގޯލާއި ދިމާލަށް ފޮނުވާލިއިރު ސްވިޑެންގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު މި ބޯޅަ ދިފާއު ކޮށްފައެވެ. އަދި މީގެއިތުރުންވެސް އޮލްމޯ ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

މިހާފުގައި ސްޕެއިންގެ ފަރާތުން ފެނިގެންދިޔަ މިފަދަ ގިނަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށްވީ ސްވިޑެންގެ ކީޕަރު އޯލްސެން އެވެ. މިހާފުގައި ސްޕެއިން އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އިތުބާރު ފޯވާޑް އަލްވާރޯ މޮރާޓާ އަށެވެ. އެހެންނަމަވެސް މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މިހާފުގައި ސްވިޑެން އިން އެންމެ ނުރައްކާތެރި ހަމަލާއެއް އުފައްދާފައި އަނީ ހާފުގެ ފަހުކޮޅު އެލެކްސަންޑަރ އިސާކް އެވެ. އެގޮތުން ސްޕެއިންގެ ޑިފެންޑަރުންގެ ހުރަސްތަކުން ނެއްޓި، އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު ހުރަސްކޮށް ގޯލަށް ވަންނަން ދަނިކޮށް ހުރަސް އެޅީ މާކޮސް ޔޮރެންޓޭ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގެ 62 ވަނަ މިނެޓުގައި ސްވިޑެންގެ މާކަސް ބާގަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން ސްޕެއިންގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އިސާކް ގޯލް ކުރިމަތިން ހުރަސްކޮށްދިން ބޯޅަ މުޅިން ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލުމުގެ ފުރުސަތު ލިބުނު ނަމަވެސް ބާގް ފޮނުވާލި ހަމަލާ ދިޔައީ މާދުރުން ބޭރަށެވެ.

ސްޕެއިން އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މި ހަމަލާގެ ފަހުން އަނެއްކާވެސް ސްޕެއިން ޓީމުން މެޗުގެ ކޮންޓްރޯލް ހޯދާ، ފުލުފުލުގައި ސްވިޑެންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލަމުން ދިޔައިރު ސްވިޑެންގެ ޑިފެންސް ލައިނާއި ކީޕަރު ފެނިގެންދިޔައީ ވަރަށް ހުށިޔާރު ކޮށެވެ. އެގޮތުން މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖެރާޑް މޮރޭނޯ މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލަށް ވަނުމަށް ހުރަހަކަށްވީ ސްވިޑެންގެ ކީޕަރު އޯލްސެން އެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ފަބްލޯ ސަރާބިއާ އަށްވެސް ވަރަށް ހުސް ފުރުސަތެއް ލިބުނުއިރު މި ހަމަލާވެސް އޯލްސެން ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި ސްޕެއިން އިން އުފެއްދި ގިނަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށްވީ ސްވިޑެންގެ ކީޕަރު އޯލްސެން- ފޮޓޯ:- ގެޓީ އިމޭޖަސް

މި ނަތީޖާ އާއިއެކު ގްރޫޕް އީގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ ހޯމަ ދުވަހުގެރޭ ޕޮލެންޑް ބަލިކުރި ސްލޮވާކިއާ އަށެވެ. ތާވަލުގެ ފުލުގައި ޕޮލެންޑް އޮތްއިރު ދެވަނަ އަދި ތިންވަނައިގައި އޮތީ އެއް ޕޮއިންޓާއެކު ސްޕެއިން އާއި ސްވިޑެން އެވެ.