ޔުވެންޓަސް އިން އެޓީމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ފާއިތުވީ ސީޒަނުގައި ކުޅެމުން އައި އަލްވާރޯ މޮރާޓާގެ އިތުރު އެއް އަހަރަށް އައުކޮށްފިއެވެ.

2020/2021 ވަނަ އަހަރުގެ ސީޒަނަށް ލޯނު އެއްބަސްވުމެއްގެ ދަށުން އެތްލެޓިކޯ މެޑްރިޑުން ޔުވެންޓަސް އަށް މޮރާޓާ ބަދަލުވިއިރު ވީ އެއްބަސްވުމުގެ ދަށުން ޔުވެންޓަސް އަށް މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު އިޚްތިޔާރުތަކެއް ލިބެއެވެ. އެގޮތުން ޔުވެންޓަސް އިން އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ބޭނުންކޮށްފަައިވާއިރު ދެން އޮތް އިޚްތިޔާރު ތަކަކީ ދާއިމީ އެއްބަސްވުމެއްގެ ދަށުން މޮރާޓާގެ ސޮއެ ހޯދުން ނުވަތަ މިއަހަރުގެ ހޫނު މޫސުމުގައި އެއްބަސްވުން ބާތިލް ކުރުމެވެ.

އިތުރު އެއް އަހަރަށް މޮރާޓާގެ އެއްބަސްވުން އައުކުރަން ޔުވެންޓަސް އިން ނިންމިއިރު މި އެއްބަސްވުމާއެކު އެ ކުލަބުން މޮރާޓާގެ އަގެއްގެ ގޮތުގައި އެތްލެޓިކޯ އަށް އިތުރު 10 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން މޮރާޓާ ޔުވެންޓަސް އަށް ކުޅެމުން އަންނައިރު އުމުރުން 28 އަހަރުގެ ފޯވާޑު މީގެކުރިން ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ޔުވެންޓަސް އަށް ކުޅެފައެވެ. މި މުއްދަތުގައި އޭނާ ވަނީ އެ ކުލަބާއި އެކު އިޓާލިއަން ލީގުގެ ޓައިޓަލް ދެފަހަރަށް ކާމިޔާބު ކޮށްފައެވެ.

އަދި މީގެއިތުރުން މި މުއްދަތުގައި އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2015 ވަނަ އަހަރު ބާސެލޯނާ އާއި ދެކޮޅަށް ކުޅެ ޔުވެންޓަސް އިން 1-3 އިން ބަލިވި މެޗުގައި ޔުވެންޓަސް އަށް ލަނޑުވެސް ޖަހާދީފައެވެ.

ދެ އަހަރު ޔުވެންޓަސް އަށް ކުޅުމަށްފަހު މޮރާޓާ ދެން ބަދަލުވީ އޭނާގެ ކެރިއަރު ފެށި ރެއާލް މެޑްރިޑަށެވެ. ރެއާލް ގައި އަހަރެއް ހޭދަކުރުމަށްފަހު 2017 އިން 2020 ވަނަ އަހަރަށް ޗެލްސީގައި މޮރާޓާ ވަނީ ކުޅެފައެވެ. އަދި އޭޣެ ފަހުން އެއް އަހަރު ދުވަހު ލޯނު އެއްބަސްވުމެއްގެ ދަށުން އެތްލެޓިކޯ އަށް އޭނާ ކުޅެފައިވާއިރު އޭނާގެ އެއްބަސްވުން އެތްލެޓިކޯ އިން ދާއިމީ ކުރީ 2020 ވަނަ އަހަރުއެވެ. އަދި ހަމަ އެއަހަރު އެތްލެޓިކޯ އިން ވަނީ މޮރާޓާ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އަށް ދޫކޮށްފައެވެ.

ޔުވެންޓަސް އާއިއެކު މޮރާޓާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު އެކުލަބަށް މިހާތަނަށް އޭނާ ކުޅެދިން 137 މެޗުން ވަނީ 47 ލަނޑު ކާމިޔާބު ކޮށްދީ 27 އެސިސްޓު ކޮށްދީފައެވެ.