ދިވެހިރާއްޖެ ރަޝިއާ މާކެޓުގައި އިތުރަށް އިޝްތިހާރުކޮށް މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސް އިން ނެޝަނަލް ޖިޔޮގްރަފިކްޓްރެވެލާ ރަޝިޔާ، އާ ގުޅިގެން ރަޝިޔާގެ ދެ ސިޓީއެއްގައި ފޮޓޯ މައުރަޒެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މި ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 16 އިން 30 ވަނަ ދުވަހުގެ ނިޔަލަށް މޮސްކޯގައި ކަމަށެވެ. މޮސްކޯގެ އެގްޒިބިޝަނަށް ފަހު ސެންޕީޓަސްބާގުގައިވެސް މި ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މޮސްކޯގައި މި މައުރަޒު ކުރިއަށްދާނީ، އެ ސިޓީގެ ގިނަ އަދަދެއްގެ މީހުން ހިނގައިބިނގާވެ އުޅޭ މައިގަނޑު އެއް މަގު ކަމަށްވާ ތުވެރޮސްކޮއި ބޮލިވާޑުގަ އެވެ. ސެންޕީޓަސްބާގުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒު ކުރިއަށްދާނީ ކިރޯވް ސެންޓްރަލްޕާކުގައެވެ. މި ޕާކަކީ ސެން ޕީޓަސްބަރގްގެ ސަގާފީ ހަރަކާތްތަކާއި ކުޅިވަރުގެޯ މައުރަޒް ބޭއްވުމުގެހަރަކާތްތަކަށް މަޝްހޫރު ޕާކެކެވެ. އަދި މި ޕާކް އަކީ އެކި އުމުރުގެ މީހުންން ޒިޔާރަތްކޮށް އުޅޭ ޕާކެކެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ރަޝިއާގެ ހޫނުމޫސުމުގެ ދުވަސްވަރު މި ފޮޓޯ މައުރަޒަށް ޒިޔާރަތްކުރާނެ ކަމަށާ މީގެ ސަބަބުން ލަފާ ކުރެވޭ ގޮތުގައި ޖުމްލަ ތިން މިލިއަނާއި ފަސްމިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މި ފޮޓޯ ތަކުންދައްކާލެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން މި ފޮޓޯތަކުން ދިވެހިރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ރާއްޖޭގެ ތިމާވެށީގެ މަންޒަރާއި ސަގާފީ ހަރަކާތްތަކުގެ ފޮޓޯ ދައްކާލެވޭނެ ކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓްކަމުގައިވާ ރިސޯޓް , ގެސްޓްހައުސް , ލިވަބޯޑް , ހޮޓެލްގެ އިތުރުން ރާއްޖެއިން ކުރެވޭ ހާއްސަ ތަފާތު ތަޖުރިބާތައްޯ މައުރަޒުގައި ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.

މައުރަޒްގެ އިތުރުން ނެޝަނަލް ޖިއޮގްރަފިކް ރަޝިޔާ ވެބްސައިޓާއި، ސޯޝަލް މީޑިޔާގައި ފޮޓޯތައް ފެންނަން ހުންނާނެއެވެ. އަދި މައުރަޒާއި ބެހޭގޮތުން 3 އާޓިކަލް ނެޝަނަލް ޖިއޮގްރަފިކް އިން ލިޔާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި މައުރަޒުގެ ފޮޓޯތަކާއި ގުޅިގެން ލިޔެވޭ އާޓިކަލްތައް ރަޝިޔާ މާކެޓައް އަމާޒުކޮށް ފޭސްބުކް ވީކޭ އަދި ޓެލެގްރާމްގައި ހަދާފައިވާ އެކައުންޓްތަކުން ހިއްސާ ކުރާނެއެވެ.

ރަޝިއާ މާކެޓުގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތެއް މިއަހަރު މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ވިޒިޓް މޯލްޑިވްސް ވަނީ ރަޝިއާގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ޝޯ ކަމުގައިވާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް ޓްރޭޑް ފެއާ ގައި ބައިވެރިވެފައެވެ. މި އިވެންޓްގައި ދިވެހި ރާއްޖެވަނީ ބެސްޓް އައިލެންޑް ޕްރެސެންޓޭޝަން ގެ އެވޯޑާއި "ބްރައިޓް އެގްޒިބިޓިން އެވޯޑް ހޯދާފައެވެ. މީގެ އިތުރުން ރަޝިއާ މާކެޓުގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ރަޝިއާގެ ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ރޯޑް ޝޯވއެއްވެސް ބާއްވާފައެވެ.

ދިވެހިރާއްޖެއަށް މިވަގުތު އެންމެ ގިނައިން ފަތުރުވެރީން ޒިޔާރަތް ކުރަނީ ރަޝިޔާއިންނެވެ. މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް 107,102 ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތް އައިސްފައިވެ އެވެ.