އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް، ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް މިއަދު އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް މި ހިދުމަތް ތައާރަފް ކުރެވިފައިވަނީ ކޮވިޑް-19 ޕެންޑެމިކާއި ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައިވާ މިދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދައިދިނުމުގެ ގޮތުންކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫއިން މިގެނައި ބަދަލާއިއެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ޚިދުމަތް ލިބިގެންދާނެއެވެ.

ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ.

ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

ޑޭޓާ ރޯލްއޯވަރގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސް އާއިއެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ.

މި ޕްލޭންތައް ނަގާ ފަރާތްތަކަށް ހާއްސަ އޮފަރއެއްގެ ދަށުން 20 އިންސައްތަ އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

މި ހިދުމަތްތަކާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ ކަމަށެވެ.

ނިޔާޒްވަނީ، ޕެންޑަމިކާއި ގުޅިގެން ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާންޖެހިފައިވާކަން ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން އުރީދޫގެ މަގްސަދަކީ މިބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން ކަމަށް އޭނަ ވިދާޅުވެފައެވެ.

އުރީދޫ މޯލްޑިވްސްއިންވަނީ ދާދިފަހުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވަރ ގެ ޚިދުމަތް ތައާރަފްކޮށްފައެވެ.