ވިޒިޓް މޯލްޑިވްސްއިން އެމެރިކަން ސޮސައިޓީ އޮފް ޓްރެވެލް އެޑްވައިސަރސް (އަސްޓާ)އާއި ގުޅިގެން ޖޮއިންޓް ވެބިނަރ އެއް ބާއްވައިފިއެވެ.

މި މަހު 15 ވަނަ ދުވަހު ބޭއްވި މި ވެބިނަރގެ ގެ މައިގަނޑު މަގުސަދަކީ އެމެރިކާ މާކެޓްގެ ޓްރެވެލް އެޖެންޓުންނަށް ދިވެހިރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ލިބެން ހުންނަ ހާއްސަ ތަޖުރިބާތަކަށް ތަމްރީންކޮށް، އެމެރިކާ މާކެޓްގައި ދިވެހިރާއްޖެ އަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުންކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

އެމެރިކަން ސޮސައިޓީ އޮފް ޓްރެވެލް އެޑްވައިސަރސް (އަސްޓާ)އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވެލް އެޑްވައިސަރސް ތަމްސީލްކޮށްދޭ އެންމެ މަގުބޫލު އެއްޖަމިއްޔާއެވެ. 120 އަށް ވުރެގިނަ ގައުމު ތަމްސީލްކުރާ 15،500އަށް ވުރެން ގިނަ މެމްބަރުން މި ޖަމިއްޔާގައި ހިމެނެއެވެ. އެހެންކަމުން އަސްޓާ އާއި ގުޅިގެން ކުރިއަށް ގެންދާ މިކެމްޕެއިނަކީ އެމެރިކާ މާކެޓުގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓާ ރާއްޖެ އިޝްތިހާރުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

އެއް ގަޑިއިރުގެ މިޕްރެސެންޓޭޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަށް ކަމުގައިވާ ރިސޯޓް, ގެސްޓްހައުސް, ލިވަބޯޑް, ހޮޓެލް އަދި ރާއްޖޭގައި ކުރެވޭ ތަފާތު ހާއްސަތަޖުރިބާތަކުގެ މައުލޫމާތު ހިއްސާކުރިއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރައްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމުން ފަތުރުވެރިންދަތުރުކުރަން އެންމެ ރައްކާތެތި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކޮށްފައިވާނެކަމާށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެެވެ. އަދި މީގެ އިތުރުން ދިވެހިރާައްޖޭގައި ކުރެވޭ ހާއްސަ ތަޖުރިބާތަކުގެ ތެރޭގައިއަންޑަވޯޓަރ ސްޕާ އަދި ރެސްޓޯރެންތަކަށް އަލިއަޅުވާލެވުނުކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، ވެބިނަރ ގައި ބައިވެރިވި ފަރާތްތަކައް ލިބިގެންދާ މައުލޫމާތުގެ ޒަރިއްޔާއިން ދިވެހިރާއްޖެ އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކުމަށް އިތުރު ހިއްވަރެއް ލިބޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން މި މާކޭޓުން ދިވެހިރާއްޖެ އައް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

2 ޖޫން 2021 ގެ ނިޔަށް އެމެރިކާ މާކެޓްއިން ވަނީ ދިވެހިރާއްޖެ އަށް 15،914 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މާކެޓް އަކީ 6 ވަނައަށް އެންމެ ގިނައިން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓެވެ. މި އަހަރު ޖުމްލަ 157،747 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.